ނަގަހައްޓަމުން އައި ހަމަތަކާ އަސާސްތަކުގައި އެމްޑީޕީއާއެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނަވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ ނާކާމިޔާބީ ވެވަޑައިގެންނެވި އިމްތިޔާޒް ފަހުމީ ބަލިގަބޫލުކުރައްވާ، އިންތިޚާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި ވަނީ ނިމިދިޔަ އިންތިޚާބުގައި އެމަނިކުފާނާއެކު މަސައްކަތްކޮށް ވޯޓުދެއްވި ހުރިހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރު ދައްނަވާފައެވެ.

އަދި މިވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި އެ ޕާޓީއާއެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނާނަން ކަމަށްވެސް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އިންތި ވާދަކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއެވެ. އިންތިހާބުގެ ނަތީޖާތައް ދައްކާ ގޮތުގައި ފައްޔާޒު ވަނީ 58 ޕަސެންޓު ވޯޓުން އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

މެމްބަރު އިމްތިޔާޒް ފަހުމީގެ ޓްވީޓަށް ރައްދުދެއްވާ މިނިސްޓަރ ފައްޔާޒް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ވާދަވެރި ސިޔާސީ ހަރަކާތުން އެނގޭ އެކައްޗަކީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް މިންވަރު ކަމަށާއި އިންތިއަކީ ވާދަވެރި ކެނޑިޑޭޓު ކަމުގައި ވިޔަސް، ކުރިންވެެސް ދެންނެވި ފަދައިން އިންތިހާބަށް ފަހުގައި ތިބޭނީ އެއްކޮށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެ ޕާޓީ ދާނީ އެކީ އެކަށް ކުރިއަށް ކަމަށްވެސް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީން އިއްޔެ އިންތިޚާބަކީ މިހާތަނަށް އެމްޑީޕީން ބޭއްވި އެޕާޓީގެ އެތެރޭގެ އެންމެ ވާދަވެރި އިންތިހާބެވެ. ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިންގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ކެމްޕެއިން ކުރެއްވިއިރު ތަފާތު އެކި ތުހުމަތުތައް އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ވަނީ ކޮށްފައެވެ.