1443 ވަނަ އަހަރުގެ ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ (010) ހޯދައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ފިޠުރު ޢީދާއި ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ ބައިބަލާ މުބާރާތުގެ މިފަހަރުގެ އެޑިޝަން ބާއްވާފައިވަނީ "އެމްޓީސީސީ ބައިބަލާ ޗެލެންޖް"ގެ ނަމުގައެވެ. އެންމެފަހުން ބައިބަލާ ޗެލެންޖު ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެފަހަރު މުބާރާތް ބޭއްވީ "ޢީދު ބައިބަލާ 1440" މި ނަމުގައެވެ. އޭގެފަހުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު މުބާރާތް ބޭއްވިފައެއް ނުވެއެވެ. އެއީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

މެދުކެނޑުމަކަށްފަހު މިފަހަރު ބައިބަލާ ޗެލެންޖް ބޭއްވިއިރު މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް 010 ހޯދީ ފައިނަލުގައި ކްލަބް ޓީނޭޖް ބަލިކޮށްގެންނެވެ. މުބާރާތުގެ ފައިނަލަށް 010 ދަތުރުކުރީ ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލަށް ކްލަބް ޓީނޭޖް ދަތުރުކުރީ ސެމީގައި ކްލަބް އީގަލްސް ބަލިކޮށްގެންނެވެ.

ބައިބަލާއަށް އައު ނަމެއް ނަމަވެސް، ވަރުގަދަ ސްކޮޑަކާއެކު މި މުބާރާތާ ކުރިމަތިލި ކްލަބް 010 ވަނީ ކުއާޓަރ ފައިނަލުގައި ބައިބަލާގެ ރަސްގެފާނުގެ ގޮތުގައި ނިސްބަތްކުރެވޭ ބީޖީ ސްޕޯޓްސްވެސް ބަލިކޮށްފައެވެ.

ފައިނަލުގައި 010 އިން ޓީނޭޖްގެ މައްޗަށް ކުރިހޯދީ ކޮންމެ ޓީމެއް އެއް ގޭމު ގެންދިއުމުން ނަތީޖާ ނެރުމަށް ކުޅުނު ގަދަ ހިފުމުގެ ދެ ބުރުގައިވެސް ކުރިހޯދައިގެންނެވެ. ގަދަ ހިފުމުގައި އޯވަންއޯ އަށް ގުރު ދިމާވުމުން ފުރަތަމަ އެޓީމުން ނިންމީ އެތެރެއަށް ވަންނާށެވެ. ކްލަބް 010 އިން ގަދަ ހިފުމުގެ ފުރަތަމަ ބުރުގައި އެތެރެއަށް ވަތް އަލީ ވިޖްހާން (ވިޖޫ) ވަނީ ބޭރުން އެރި ޓީނޭޖުގެ އިބްރާހިމް ރަޝީދު ހުއްޓުވައިފަ އެވެ. އަދި ގަދަހިފުމުގެ ދެވަނަ ބުރުގައި ޓީނޭޖުން މެދަށް އެރި އަލީ ވިދާދު (ދާދު) އަށް 010ގެ އަހުމަދު މުހައްމަދު (އައްމަޑޭ) ހިފެހެއްޓިފައެއް ނުވެއެވެ.

ފައިނަލުގައި ކްލަބް ޓީނޭޖް ބަލިކޮށް ކްލަބް 010 އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިޖޫ އެވެ.

އަގުހުރި އިނާމުތަކަކާއެކު މިފަހަރުގެ މުބާރާތުގައި ގިނަ މަގާމުތަކެއްވެސް ހޮވާފައިވެއެވެ. އެގޮތުން މުބާރާތުގައި މުޅިން އަލަށް ހޮވި އެންމެ އުންމީދީ ކުޅުންތެރިއަކީ ޓީނޭޖުގެ ދާދު އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކްލަބް އީގަލްސްގެ އިބްރާހިމް ޝަމީން (ޝަންމި)، ޓީސީގެ ހަސަން ތައުހީދު (ތައު)، ޓީނޭޖްގެ ހާމިދު ރަޝީދު އަދި އެ ޓީމުގެ އިބްރާހިމް މުހައްމަދު (އިބުޓި) އެވެ.

1443 ވަނަ އަހަރުގެ ބައިބަލާ ޗެލެންޖުގެ މިސްޓަރ ބައިބަލާ- ފޮޓޯ:- އަދަދު

މުބާރާތުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުމެއް ދައްކައިގެން މި މުބާރާތުގެ ފަޚުރުވެރި މިސްޓަރ ބައިބަލާ އަކަށް ހޮވުނީ ކްލަބް ޓީނޭޖުގެ އަސްލަމް ވަހީދު އެވެ. އަސްލަމް އަށް ވަނީ މިސްޓަރ ބައިބަލާ ޓްރޮފީގެ އިތުރުން 10،000 ރުފިޔާގެ ފައިސާގެ އިނާމު ދީފއެވެ. މިއީ އަސްލަމް މިސްޓަރ ބައިބަލާގެ އެވޯޑު ހޯދި ތިންވަނަ ފަހަރެވެ. މިއާއެކު އޭނާއަކީ މި އެވޯޑު ތިންފަހަރަށް ހޯދި ދެވަނަ ކުޅުންތެރިޔާ އަށެވެ.

މިފަހަރުގެ މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުވީ ކްލަބް އީގަލްސްއެވެ.

ރަނަރަޕް އަށް ހޮވުނު ކްލަބް ޓީނޭޖަށް 40،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު މުބާރާތުގެ ޝަރަފުވެރި ޗެމްޕިއަން ކްލަބް 010 އަށް 100،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ވަނީ ހަވާލުކޮށްފައެވެ.

މިފަހަރުގެ ބައިބަލާ ޗެލެންޖުގައި ޖުމްލަ 32 ޓީމު ވާދަކޮށްފައިވެއެވެ. އެންމެފުރަތަމަ މި މުބާރާތުގައި 34 ޓީމު ބައިވެރިވާ ގޮތަށް، ވަޅު ޢީދު ދުވަހު މުބާރާތް ފަށަން ތާވަލުކުރިނަމަވެސް، ޢީދު ދުވަހު މާލެގައި ހިނގި މާރާމާރީ ތަކާއި ގުޅިގެން މުބާރާތް ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މިގޮތަށް ނިންމާފައިވަނީ ފުލުހުންގެ އެދުމުގެ މަތިންނެވެ. އަދި ފުލުހުންގެ އިރުޝާދުގެ ދަށުން މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ވަރުގަދަ އުސޫލުތަކަކާއި އެކުގައެވެ.