2021 ވަނަ އަހަރު ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، (އެސްޓީއޯ)އަށް އާމްދަނީގެ ގޮތުގައި 11.24 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯގެ 2021 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގަ އެ ކުންފުނީގެ އާމްދަނީގެ ގޮތުގަ 11.24 ބިލިއަން ރުފިޔާ ލިބިފަވާއިރު އެއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 32 އިންސައްތައިގެ ކުރިއެރުމެކެވެ.

2021 ވަނަ އަހަރު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވަނީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯ އިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 26 އިންސައްތަ އިތުރުވެފައިވުމާއި، ފިޝަރީސް، ޝިޕިންގ އަދި ގޭހުގެ އާމްދަނީ އިތުރުވުމުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އަދި އެސްޓީއޯއިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުވުމާއެކު 2021 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ކުންފުންޏަށް ވަނީ 10.2 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ޖުމްލަ އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފަވާއިރު މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ނެރުނު ތަފާސްހިސާބުތަކުން ދައްކައެވެ.

ޓެކްސްއަށް ކެނޑުމަށްފަހު ކުންފުނީގެ ސާފު ފައިދާއަކީ 487 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 35 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، ވިއްކި ތެލުގެ އަދަދު އިތުރުވުމާއިއެކު ކުންފުނިން ކުރަމުންގެންދިޔަ އެހެނިހެން ވިޔަފާރި ރަނގަޅުވުން ކަމަށްވެސް އެސްޓިއޯ އިން ބުނެއެވެ.