ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ދައްކަވާ ވާހަކަތަކުން އެމްޑީޕީއަށް ވެސް ހުތުރު ކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ރައްދުދެއްވައިފިއެވެ.

މިއީ ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ފަހު މެކްބަރު ރޮޒައިނާގެ ބަހުގެ ހަމަލާއެއް ބޭފުޅަކަށް އަމާޒުވި ފުރަތަމަ ފަހަރެވެ.

މިހާތަނަށް އެމްޑީޕީން ބޭއްވި އެންމެ ވާދަވެރި އިންތިޚާބު، އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމުގެ އިންތިޚާބުގައި ކުރިހޯދާފައި ވަނީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއެވެ. މި އިންތިޚާބުގައި މެމްބަރު މުހައްމަދު ރަޝީދު ތާއީދު ކުރެއްވީ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ އަށެވެ.

މެމްބަރު ރޮޒައިނާ ރައްދުދެއްވާފައި ވަނީ އިންތިޚާބަށް ފަހު މެމްބަރު ރަޝީދު ދެއްކެވި ވާހަކަތަކަކަށް ކަމަށް ވާއިރު، ރަޝީދު ވިދާޅުވެފައި ވަނީ، ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ބިރާއި ނުފޫޒާ ދެކޮޅަށް މާލޭގެ 15 ދާއިރާއިން 12 ދާއިރާ ކާމިޔާބު ކުރީ އިމްތިޔާޒް ފަޙްމީ ކަމަށެވެ.

އަދި ރާއްޖޭގެ ޖިއޮގްރަފީއަށް ބަލައި ވަރަށް ފަސޭހައިން ބަސްތާއަަކަށް 300 ކާށި ގުނައިފައި އެޅިދާނެ ކަމަށާއި 600 ބޯ ފޮޅިވެސް އެޅިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްދުގައި މެންބަރު ރޮޒައިނާ ވިދާޅުވީ މެމްބަރު ރަޝީދު އުޅުއްވަނީ އަބަދުވެސް ރަށްރަށުގެ މީހުންނަށް މަލާމާތް ކުރުމުގައި ކަމަށެވެ. އަދި ވަށް ބަހުން ވާހަކަ ނުދައްކަން ރަޝީދަށް އޭނާ ގޮވާލެއްވިއެވެ.

އެއީ ޕާޓީއަށް ވެސް ހުތުރު ކަމެއް ކަމަށާއި އެ ވާހަކަތަކާ ހުރެ "މާލެއަށް ނިސްބަތްވާ މީހުން ވެސް ލަދުން ބޯ ހަލާކުވާނެ" ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މެމްބަރު ރޮޒައިނާ ވަނީ މެމްބަރު ރަޝީދުގެ "ބޯ ހަމަޖެހޭތޯ؟" މީހުން ސުވާލުކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.