މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭން ހައްޔަރުކުރި މަޝްހޫރު ޓިކްޓޮކް ތަރި ފާތިމަތު ރޫމާ އާއި އޭނާގެ ފިރިމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަސް ޖަހައިފިއެވެ.
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލުމާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރެޝަނެއްގައި ހައްޔަރުކުރި ރޫމާ އާއި އޭނާގެ ފިރިމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ޖެހީ 3 ދުވަހެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާލެއިން މަސްތުވާތަކެތީގެ މައްސަލައެއްގައި މި މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި ދިވެހި އަންހެނަކާއި ފިރިހެނަކަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގެ މުއްދަތަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.
ރޫމާ ހައްޔަރު ކުރީ ފިރިމީހާ، މުހައްމަދު ނަސީމާއެކު ދިރިއުޅެމުންދާ ހ. ބްލޫ ބްރިޖުންނެވެ. ނަސީމަކީ މަސްތުވާތަކެތިގެ ރެކޯޑް އޮންނަ މީހެކެވެ.
ކޯޓު އަމުރެއްގެ ދަށުން ރޫމާމެން ދިރިއުޅެމުން ދިޔަގެއަށް ފުލުހުން ވަދެފައި ވަނީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
އަދި އެތަނުން ޑްރަގް ވެސް ފެނިފައިވާ ކަމަށްވެއެވެ. އެކަމަކު އެތަނުން ފެނުނީ ކިހާ ޑްރަގެއް ކަމެއް ސާފެއް ނުވެއެވެ.