މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ނުހުއްޓުވިނަމަ އަމީނީ މަގުގައި މިހާރު އޮންނާނީ ތާރުއަޅާފައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އޮތީ ހުއްޓުވާފައި ކަމަށާއި އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ތަކްލީފުތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
މި މަޝްރޫޢުގަ އެއްވެސް މަސައްކަތެއް ނުކުރެވި 5 މަސް ބޭކާރުވެގެން ގޮސްފައިވާކަން ފާހަގަކުރައްވާ މޭޔަރު ވަނި ސަރުކާރުން ބަޖެޓްދީގެން ކުރިއަށްގެންދާ އެފަދަ މަސައްކަތް ހުއްޓުވުމަކީ ކަންބޮޑުވާ ކަމެއް ކަަމަށް ވިދާޅުވެފައެވެ.
މަގު ހެދުމުގެ މަސައްކަތުގަ ސަރުކާރުން އެއްވެސް މަގެއް ނުދައްކާ ކަމަށާއި އެގޮތުން މިހާތަނަށް ފާހަގަކޮށްފައިވަނީ ވަރަށް ކުދިކުދި ކަންތައްތަކެއް ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މާލޭ މަގު ހެދުމުގެ މަސައްކަތް ރާވާފައޮތީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށާއި މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ގެއްލިފައި ކަމަށެވެ.
މާލޭގެ މަގުތައް ތަރައްގީ ކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލާއި އާރްޑީސީ މީގެކުރިން ސޮއިކޮށްފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެއްބަސްވުމުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 11ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުން ބަދަލުކޮށް ސޮއިކުރިއިރު އޮތީ 16 މަގެއްގައި ތާރު އަޅާ ގޮތަށެވެ.
އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ތެރޭގައި 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުން ހިމެނެއެވެ. އަދި މާލޭގެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގާ އެކު 16 މަގެއްގައި ތާރު އެޅުން ހިމެނޭއިރު ކުރިން އޮތް މުއްދަތަށްވުރެ އަވަސް ކުރުންވެސް ހިމެނެއެވެ. އަދި އެ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވެސް ހިމަނާފައިވެއެވެ. އަދި ހަމައެއާއެކު ނޯތު ހާބާރު ސަރަހައްދުގެ ތޮށިގަނޑު ފެއަށް ޖައްސާއި ބޭރު މަގު ފުޅާކުރުމަށް ވެސް މިފަހަރުގެ އެއްބަސްވުމުގައި ހިމަނާފައިވެއެވެ.
އާރްޑީސީ އިން ރޭ ކުރި ތްވީޓެއްގައި ވަނީ ޖަޒީރާ ރާއްޖޭގެ ސިޔާސަތުގެ ދަށުން މާލެ ސްޓްރީޓް ސްކޭޕިން މަޝްރޫއު ވަރަށް އަވަހަށް އަލުން ފެށޭނެ ކަމަށާއި އެ މަޝްރޫގެ ދަށުން، މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް އަލުން ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.