މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން އެކުންފުނީގެ ވަޒީފާއަށް 120 ދިވެހިން ހޯދަން އިއުލާންކޮށްފިއެވެ.

އެމްޓީސީސީން މިކަން ހާމަކޮށް ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ، އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން 120 ދިވެހި މަސައްކަތު މީހުން ހޯދުމަށް އިޢުލާނުކުރާ ކަމަށާއި، ނަމަވެސް މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މީހުންނަކީ އެކުންފުނީގައި ކޮންސްޓްރަކްޝަން ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ނަގާ މީހުންނެވެ.

ހަފްތާ އަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރާއި ބާރަ ގަޑިއިރާ ދެމެދު ވަގުތު މަސައްކަތްކުރަން ޖެހޭ މި ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 10،300 ރުފިޔާ އާއި 13،700 ރުފިޔާ އާ ދެމެދުގެ އުޖޫރައެއް ލިބޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ވަޒީފާ ލިބޭ ފަރާތްތަކުން ވަޒީފާ އަދާކުރަން ޖެހެނީ އެމްޓީސީސީން ކަނޑައަޅާ ސައިޓެއްގައެވެ. އަދި އެ ސައިޓެއްގައި ހުރުމާއި ކެއުމާއި، ސްޓާފް މެޑިކަލް އިންޝުއަރަންސާއި ޕެންޝަން ސްކީމްގެ އިނާޔަތް ލިބޭނެއެވެ.

މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އައިޑީކާޑު ކޮޕީ އާއި ގުޅުންހުރި ލިޔުންތަކާއެކު، އެމްޓީސީސީގެ ހުޅުމާލެ ޓާމިނަލްގައި މާދަމާ ހަވީރު 4 އިން 8 އަށް "ޖޮއިން އެމްޓީސީސީ"ގެ ނަމުގައި ކުރިއަށް ގެންދާ އޯޕަން ޑޭ އަށް ދިއުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. އިތުރު މަޢުލޫމާތު އެކުންފުނީގެ ހޮޓްލައިން ގުޅުމުން ލިބޭނެކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.