ރާއްޖޭގެ ބައެއް ހިސާބުތަކަށް މިއަދު އުދަ އަރާފާނެތީ ސަމާލުވާން މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެދިއްޖެއެވެ.
އުދައެރުން އެކަށީގެންވާ ސަބަބެއްގެ ގޮތުގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ މިއަދު ހަނދު ދުނިޔެ އާއި ކައިރިވެފައި ވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލޭނެތީއެވެ.
މި އަހަރުގެ ފުރަތަމަ ހަނދު ކޭތަ ރޭގައި ވަނީ ހިފާފައެވެ. ނަމަވެސް އެހަނދު ކޭތަ ރާއްޖެއަށް ފެނިފައެއް ނުވެއެވެ.
މެޓް އޮފީހުން ބުނީ، އުދަ އަރާނެ ކަމަށް ބޮޑަށް ބެލެވެނީ ރާއްޖޭގައި އާންމުކޮށް އުދަ އަރާ ސަރަހައްދުތަކަށް ކަމަށެވެ. މާލެ ސަރަހައްދަށް ބަލައިފި ނަމަ މާލޭގެ ލޮނުޒިޔާރަތްކޮޅަކީ އުދަ އެރުން އާންމު ސަރަހައްދެކެވެ.
މީގެ ކުރިންވެސް، ކޭތަ ހިފުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދިމާވެފައި ވަނީ ރާއްޖެއަށް އާންމުކޮށް މޫސުން ގޯސް، ވައި ގަދަ ދުވަސްވަރުތަކާއެވެ.
މި ދުވަސްވަރަކީ ވެސް ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމަށްވެފައި ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ.
މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އެއްގަމު، ކަނޑު އަދި ވައިގެ މަގުން ދުއްވާ އުޅަނދުތައް ދުއްވުމުގައި ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މިފަދަ ދުވަސްވަރެއްގައި ދިމާވެދާނެ ހިތާމަވެރި ކާރިސާއަކުން ރައްކާތެރިވެގެން ތިބުމަކީ އެދެވޭ ކަމެކެވެ.
ވޭތުވެ ދިޔަ ދެ އަހަރު ޖުލައި މަހު ފަހުކޮޅު ބައެއް ރަށްރަށަށް އުދަ އަރާފައިވެއެވެ.