މިއަހަރު ފެށުމާއެކު ރާއްޖޭގައި ތައާރަފްކުރި ހޯމްސްޓޭ ކުރިއަށް ނުގޮސްގެން އުޅެނީ އިދާރީ މައްސަލަތަކެއްގެ ސަބަބުން ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވީ ރާއްޖޭގައި ހޯމްސްޓޭއަށް މާކެޓް އެބައޮތް ކަމަށާއި، އެ ކޮންސެޕްޓް ވަރަށް ބާރަށް ކުރިއަށްވެސް ދިޔަކަމަށެވެ. ނަމަވެސް މިހާރު އެކަން ހުއްޓިފައިވަނީ ރެޖިސްޓްރޭޝަން ނުނިމުމާއި ހުއްދަތައް ނުލިބޭތީ ކަމަށް ފިރާޤު ވިދާޅުވިއެވެ. އަދި މަސް ދުވަސް ތެރޭ 1000 ޓޫރިސްޓުންވެސް ގެނެވިދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ޓެގްކުރައްވާ ޓުވީޓުކުރައްވަމުން ފިރާގު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި "ހޯމް ސްޓޭ" ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު މ. ދިއްގަރުންނެެވެ. ހޯމް ސްޓޭ ފެށުމަށް ދިއްގަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވީ، ރާއްޖެއަށް ތައާރަފްކުރި ހޯމް ސްޓޭއާއެކު އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، އެހެން ނަމަވެސް އެބަދަލު އަންނާނީ ހިންމަތާއެކު މަސައްކަތް ކޮށްގެން ކަމަށެވެ.

ހޯމް ސްޓޭ ފަތުރުވެރިކަމަކީ، އެރަށެއްގައި ދިރިއުޅޭ ބަޔަކާއެކު އެއްގެއެއްގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ. މި ބާވަތުގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ގައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގަމުން އަންނަކަމެކެވެ.

ހޯމްސްޓޭ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދުސާލިހާއި އެމްޑީޕީގެ "ނޫ އިގްތިސާދު"ގެ މެނިފެސްޓޯގެ ދަށުން ވެފައިވާ ވައުދެކެވެ.