ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އޮފީހުގައި، އެ ޕާޓީގެ އިންތިޚާބީ ޗެއާޕާސަން އަދި އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އުފަންދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފިއެވެ.

ވީމީޑިއާއަށް ލިބިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މިނިސްޓަރު ފައްޔާޒުގެ އުފަންދުވަހުގެ ކޭކުފެޅުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި މިވަގުތު އެ ޕާޓީ އިދާރީ ގޮތުން ހިންގެވުމާ ހަވާލު ހުންނެވި ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒުގެ އިތުރުން، ޕާޓީގެ އިސް އެހެން ބައެއް ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، ޕާޓީ ތެރޭގެ މަޝްރަހު ފެނިގެން ދިޔައީ ވަރަށް ގޯސްކޮށެވެ. ޕަޓީ ތެރޭގައި ދެ ފެކްޝަނެއް އުފެދުނެވެ. އެއީ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްގެ ފެކްޝަނަކާއި، ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެކެވެ.

އެމްޑީޕީ ޗެއާޕާސަންގެ އިންތިޙާބު ފައްޔާޒު ބޮޑު ތަނުން ކާމިޔާބު ކޮށްފައިވާއިރު، އެމަނިކުފާނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ތާއިދު އޮތެވެ. ރައީސް ނަޝީދު ތާއީދުކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަށެވެ.

އާންމު ގޮތެއްގައި އެމްޑީޕީ ފާހަގަކުރެވެނީ އެތެރޭގެ އިންތިޚާބުތަކުގައި ފޯރިގަދަ ޕާޓީއެއްގެ ގޮތުގައެވެ.

އެ ފޯރީގައި ބައިބައިވުން އުފެދުނު ނަމަވެސް، އިންތިޚާބަށް ފަހު އަނެއްކާ ވެސް ޕާޓީގެ މެމްބަރުން އެެކަތިގަނޑަކަށް ވެއެވެ.

މިފަހަރު ވެސް ފެންނަމުންދާ މަންޒަރުތަކުން ބެލެވޭ ގޮތުގައި އެމްޑީޕީގެ މި ދެންނެވުނު ޑިމޮކްރެޓިކް ރީތި ހަމައިގައި އެޕާޓީގެ މެމްބަރުން ހިމެނޭނެއެވެ.