ބާ ޖަމާލުއްދީން ސްކޫލްގެ ރަޖިސްޓްރީ ހަދައިދޭން ސަރުކާރުން އެދުމުން އެކަން ވަނީ ކޮށްދީފައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ އަރަބިއްޔާގެ އައު އިމާރާތް ބާ ޖަމާލުއްދީންގެ އިމާރާތުގައި އަޅަން ސަރުކާރުން ނިންމި ނަމަވެސް އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ބުނާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭ ރައްޔިތުންނަށް ލިބޭ ތަރައްގީގެ ހުރަހަކަށް ސިޓީ ކައުންސިލް ނުވާނެ ކަމަށާއި އަރަބިއްޔާ ސްކޫލުގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރި ބަޔަކީވެސް ސިޓީ ކައުންސިލް ކަމަށެވެ.
އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއެކު ބޭއްވި މަޝްވަރާގެ ބައްދަލުވުމުގައި އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ގޮތުގެ ގިނަ ލަފާދީފައިވާނެކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ ޔޫއެން ބިލްޑިންގ ގޮތުގަ ކުރިން ބޭނުންކުރިތަނުގެ ބޭނުން ހިފުމަށް އިރުޝާދުދިން ކަމަށެވެ.
މި މަޝްވަރާ މިގޮތަށްކޮށްފަ އޮތްނަމަވެސް ބާޖަމާލުއްދީން ސްކޫލްގެ ރަޖިސްޓްރީ ހަދައިދޭން ސަރުކާރުގެ އެދުމުން އެކަން ވަނީ ކޮށްދީފައި ކަމަށްވެސް މާލެ ސިޓީގެ މޭޔަރު ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލްގެ ހައްގުގައި ސަރުކާރުން ބޭނުންވިގޮތަށް ބާޖަމާލުއްދީން ސްކޫލްގެ ރަޖިސްޓްރީ ހެދުމަށްފަހު ސަރުކާރާ ވަނީ ހަވާލުކޮށްފައި ކަމަށާއި ސިޓީ ކައުންސިލުން އަރަބިއްޔާ މައްސަލައިގެ ހުރަހަކަށް ނުވާކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.
މޭޔަރު ވަނީ ބާ ޖަމާލުއްދީން ހުރި ސަރަހައްދަކީ ޓްރެފިކް ބާރުބޮޑު ސަރަހައްދެއްކަމުން އެ ތަނުގައި އިތުރު ސްކޫލެއް އިމާރާތްކޮށްފިނަމަ ވާނެ ދަތިތަކުގެ ވާހަކަވެސް ހިއްސާކުރައްވާފައެވެ.
ބާ ޖަމާލުއްދީން ބިމުގައި ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް އެ ބިމުގައި ހުރި އިމާރާތް ތަޅާލުމަށް ބަޔަކާއި މިހަރު ވަނީ ހަވާލުކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްއާއެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2.5 މިލިއަން ރުފިޔާ އަށް 75 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އަރަބިއްޔާ ސުކޫލް ހިންގި އިމާރާތުގައި ތިބުން ރައްކާތެރި ނުވުމުން ސަރުކާރުން އެންމެ ފުރަތަމަ ނިންމީ އިއްޒުއްދީން ސުކޫލު ހިންގާ އިމާރާތަށް އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ބަދަލު ކުރާށެވެ. ނަމަވެސް ދެ ސުކޫލެއްގެ ދަރިވަރުން އެއް އިމާރާތެއް ހިއްސާ ކޮށްގެން ބޭނުން ކުރަން އަރަބިއްޔާގެ ބެލެނިވެރިން ދެކޮޅު ހެދިއެވެ.