ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އެ ބެންކުން ފަށައިފިއެވެ.

ބީއެމްއެލުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ނުނަގާނެއެވެ. މީގެއިތުރުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ހުށަހެޅުމުގެ ތެރެއިން ބޭންކުން އެންމެ ފުރަތަމަ އެޕްރޫވްކުރާ 200 ކާޑަށް ކޭޝްބެކް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ކޮންމެ ކާޑަކަށް ކޭޝްބެކްގެ ގޮތުގައި 2500 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ. މި ޕްރޮމޯޝަނުގެ މުއްދަތުގައި ބޭންކުން އެންމެ ފުރަތަމަ އެޕްރޫވްކުރާ 2000 ކާޑަށް ބީއެމްއެލް ރިވޯޑްސް ޕޮއިންޓްވެސް ލިބޭނެއެވެ.

އެގޮތުން ކޮންމެ ކާޑަކަށް 3000 ރިވޯޑްސް ޕޮއިންޓް ލިބޭނެއެވެ. ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއަރލައިނާއި، ހޮޓެލާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގްބޫލް ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

ބީއެމްއެލުން ބުނީ މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2022 ގެ ނިޔަލަށް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާ އެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތްތައް ބަލައިގަންނަ ބޭންކެވެ. އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެއެވެ.