ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ރައީސް އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެ މަރްޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި ޔޫއޭއީގެ އާ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންއާ ރައީސް ބައްދަލުކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސްގެ ވާހަކަފުޅުގައި އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާންތައް އައުކުރެވިގެންދާނީ އެ މަނިކުފާނުގެ ބައްޕާފުޅު ފަދައިން ތަހުޒީބާއި ގައުމީ އެއްބައިވަންތަކަން ގެނެސްދެއްވި އަލިގަދަ ދަންމަރެއްގެ ގޮތުގައިކަމުގައި ވިދާޅުވިއެވެ. އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމަށާއި މި ހިތާމަވެރި ދަނޑިވަޅުގައި މަރްޙޫމްގެ އާއިލާއަށާއި ޔޫއޭއީގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން، ޔޫއޭއީގެ ރައީސްގެ މަގާމާއި ހަވާލުވެގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އެންމެހައި ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަބޫދާބީގެ ވެރިޔާ އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން، ޔޫއޭއީގެ ރައީސްގެ މަގާމާއި ހަވާލުވެގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އެންމެހައި ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބު ލިބޭނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.