ހުޅުމާލޭ ރައްޔިތުން މާލެ ނައިސް ޑްރައިވިން ލައިސަންސް ތިއަރީ ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދި ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ޝުޖާއު ވިދާޅުވެއްޖެއެވެ.

މި ބައްދަލުކުރެއްވުމުގެ ފޮޓޯއަކާއިއެކު ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރާއި ބައްދަލު ކުރައްވާ ހުޅުމާލެ ރައްޔިތުންނާއި، ޒުވާނުންގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް މާލެ ނައިސް ހުޅުމާލެއިން ލައިސަންސް ތިއަރީ ޓެސްޓް ހެދޭނެ ގޮތް މާލެ ސިޓީ ކައުންސިލާއި ގުޅިގެން އިންތިޒާމް ކޮށްދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެކަން ހުޅުމާލޭގައި އިންތިޒާމް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ދެއްވިކަމަށެވެ.

ސިޓީ ކައުންސިލްގެ އެހީތެރި ކަމާއިއެކު މާލޭގެ ޑްރައިވިންގ ޓްރެކް ހުޅުމާލޭގައި ޤާއިމްކޮށް ނިންމައި ދުއްވުމުގެ ޓެސްޓް ހުޅުމާލެ ޓްރެކްގައި ހަދަން ފަށާފައިވާކަން ފާހަގަ ކުރައްވަމުން ޝުޖާއު ވިދާޅުވީ ހުޅުމާލެ ރައްޔިތުންނަށް މާލެ ނައިސް ޑްރައިވިންގ ލައިސަންސް ހެއްދޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކޮށްދިނުމަށް ކެމްޕޭނު ތެރޭގައި ހުޅުމާލޭގެ ރައްޔިތުން އެދިފައިވާ ކަމަށެވެ.

ހުޅުމާލޭގައި ޑްރައިވިންގ ޓެސްޓް ހެދުމުގެ ހުއްދައަށް އެދިފައިވާއިރު މިހާރު ހުޅުމާލެ ފޭސް 1ގައި ޑްރައިވިންގް ލައިސަންސް ސެންޓަރެއް ހަދާ އަންނަނީ ބޭނުންކުރަމުންނެވެ.

މާލެ ސިޓީކައުންސިލުން ފެށި މިމަސައްކަތަށް އެމްޑަބްލިޔުއެސްސީން ވަނީ މިލިނިއަކަށްވުރެ ގިނަ ރުފިޔާގެ ތަކެތީ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފައެވެ. މިތަކެތި ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަވާލުކޮށްދެއްވީ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހެވެ. އަދި މިތަކެއްޗާއި ޓްރާންސްޕޯޓުގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރ އައިޝަތު ނަހުލާއެވެ.