މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ދިނުމުގެ އުޞޫލުތައް ހަރުދަނާ ކުރުމަށް ޤާއިމުކުރެވޭ ސްޕެޝަލް ކޮންސްޓެބިއުލަރީގެ ޚިދުމަތް ޖޫން މަހު ފެށިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސްޕެޝަލް ކޮންސްޓެބިއުލަރީގެ ޚިދުމަތް ހޯދައި ލިބިގަތުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.
މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ވީޓީވީގެ"ފަސްމަންޒަރު" ޕްރޮގްރާމްގައި ހިއްސާކުރައްވަމުން މޭޔަރު ވަނީ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ހައްލުކުރުމުގައި ދިމާވާ ދަތިތައް ފާހަގަ ކުރައްވާ އެކަންކަން ހަރުދަނާކުރުމުގެ އުސޫލުތަކާއި ގުޅޭ މަޢުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.
އެގޮތުން މުނިސިޕަލް ޚިދުމަތްތަކުގެ ތެރޭގައި މާލޭގެ މަގުތަކުގެ ސާފުތާހިރުކަން މަގުތަކުން ކުނި ނަގާތޯ ނުވަތަ މަގުތަކާއި ގުޅޭ އެކިކަހަލަ މައްސަލަތައް އެބަހުރި ކަަމަށާއި ޓްރެފިކާއި ގުޅޭ މައްސަލަތައް ހުރިކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މޭޔަރު ވިދާޅުވީ މިހުރިހާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް ދަތިތަކާއިއެކުވެސް މިހާރު އޮތް ކައުންސިލަކީ ކަންކަން ކުރުމުގައި ފަސްޖެހޭނެ ކައުންސިލެއް ނޫންކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މޭޔަރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މި މަސައްކަތް ޖޫންމަހު ކުރީކޮޅު ފެށޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.
އަދި އާންމުތަންތަނަށް ކުނި އެޅުމަކީ ގާނޫނީ ގޮތުންވެސް މަނާ ކަންތައްތައް ކަމަށްވީ ނަމަވެސް އެކަންކަން ބެލެހެއްޓުން އެއީ ވަރަށް ދަތިކަމެއް ކަމަށާއި އެހެން ކަމުން މި ޚިދުމަތް ތަޢާރަފް ވެގެން ދިއުމާއިއެކު ކުނި އަޅާފަރާތްތަކާއި މެދު ވަގުތުން ފިޔަވަޅު އެޅިގެންދާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ޕޭވްމަންޓްމަތީގަ މުދާ ބެހެއްޓުމާއި އެފަދަ އެހެނިހެން ކަންކަން ހުއްޓުވޭނެ ކަމުގެ ޔަޤީންކަން މޭޔަރު ވަނީ ދެއްވާފައެވެ.
ކައުންސިލްގެ އަމާޒަކީ ރައްޔިތުން ކުއްވެރި ކުރުން ނޫން ކަމަށާއި، ބޭނުމަކީ ކަންކަން އިސްލާހުކުރުމަށް ފުރުސަތު ދިނުންކަމަށް މޭޔަރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން މާލެ ސިޓީގެ ރައްޔިތުންގެ އެންމެބޮޑު ޝަކުވާ ކަމަށްވާ ކުނީގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެގޮތުން މާލެ ސިޓީގެ މަގުތަކާއި އެނޫންވެސް ތަންތަނަށް ކުނިއަޅާ ފަރާތްތަކުގެ ޢަމަލުތައް ހުއްޓުވައި، ކުނިއަޅާ ފަރާތްތައް ދެނެގަނެ އެފަރާތްތައް ޖޫރިމަނާ ކުރުމުގެ ގޮތުން ދޭންޖެހޭ ލިޔުންތައް ދިނުމާއިއެކު އެފަރާތްތަކުގެ މަޢުލޫމާތު ފުލުހުން މާލެ ސިޓީ ކައުންސިލާއި ހިއްސާކުރަމުން ދާނެއެވެ.