ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސީޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށުން އަދި ލަސް ނުވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރާ މި ސުވާލު އަމާޒު ކުރެއްވީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްއެވެ.
ދެ މެމްބަރުން ވެސް ސާފުކުރައްވަން ބޭނުންފުޅުވީ ރާއްޖޭގެ ދެކުނު ބިތުގައި އޮންނަ އައްޑުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢު ފެށޭނެ ތާރީޚެކެވެ.
މެމްބަރުންގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައްޑޫ ބިން ހިއްކުމަށް ކުންފުންޏެއް ހޯދައި އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުން ކޮންމެވެސް ވަރަކަށް ލަސްވި ނަމަވެސް ކުންފުންޏަށް މަސައްކަތް ހަވާލުކުރި ފަހުން މިވީ މުއްދަތަށް ބަލާއިރު މަޝްރޫއު ފެށުން އަދި ލަސްވެފައި ނުވާ ކަމަށެވެ.
މިފަދަ މަޝްރޫއެއް ފެށުމުގެ ކުރިން ދެނެގަންނަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ގޮތުން ސައިޓް މޮބިލައިޒް ކުރުމުގެ ކުރިން ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންވަނީ ސީދާ ކިހާ މިންވަރެއްގެ ވެއްޔެއްތޯ އާއި ކިތައް ތަނުން ވެލި ނަގަންޖެހޭނެތޯ ފަދަ ކަންކަން ޔަގީންކުރަން ގުރައުންޑް ޓްރޫތިން ހަދަން ޖެހޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ޖުލައި މަސް ތެރޭގައި މޮބިލައިޒް ކުރާނެ ކަމަށެވެ.
މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މިމަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ހިތަދު އާއި މަރަދޫ އަދި މަރަދޫ ފޭދޫން ބިން ހިއްކާނެއެވެ. މަޝްރޫއު ނިންމަންޖެހެނީ 18 މަސް ދުވަހުންނެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިދިޔަ މާރޗު މަހުގެ 27 ވަނަ ދުވަހުއެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.