މާލީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިގެން ކުރިޔަށްދާ ފުރަތަމަ ކައުންސިލްތަކުން ހުވަކުރިތާ މިވަނީ އެއް އަހަރު ފުރިފައެވެ. 5 އަހަރުގެ ދުވަހުގެ މުއްދަތަށް ކައުންސިލަރުން ހުވާކޮށްފަވާއިރު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު އަލަށް ހުވާކުރި ކައުންސިލްތައް ވެގެންމިދަނީ މާލީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިގެން ކުރިޔަށްދާ ފުރަތަމަ ކައުންސިލްތަކަށެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ކުންފުނި އުފައްދައިގެން ވިޔަފާރިކޮށް އާމްދަނީ ހޯދޭނެ ފުރުސަތު ވަނީ ދީފައެވެ. އަދި ކައުންސިލްތަކުގެ އިހުތިސާސް ވަނީ ކުރިޔަށްވުރެ ފުޅާވާނެ ކަމަށް ގާނޫނު ބުނެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވީ ވަރަށް ފޯރިގަދަ އަދި ވާދަވެރި ކެމްޕެއިނަކަށް ފަހުއެވެ. ރައްޔިތުންނަށް ކުރިން ނުލިބުނު އާމްދަނީއާއި ކައުންސިލްތަކަށް ހިފެހިއްޓިފައިވާ ބާރުތައް އެ ކައުންސިލްތަކަށް ލިބި ހަގީގީ ލާމަރުކަޒީގެ މީރުކަން އަތޮޅާއި ރަށަށް ލިބޭނެ ކަމުގެ ފޮނި ވާހަކަތަކަކީ ކުރިން އަޑު އިވުނު ވާހަކަތަކެކެވެ.

ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިގްރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ސަގާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމްކުރުމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމެވެ.

އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުއާމަލާތުކުރުމާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ އިދާރީ ދާއިރާއެއްގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ސިނާއަތުތައް ކުރިއެރުވުމަށް އެހީތެރިވެދީ މަސައްކަތްކުރުންވެސް ހިމެނެއެވެ.

ކައުންސިލްތަކުގެ އަމާޒަކީ ލާމާރުކަޒީ ގާނޫނަށް ގެންނަ ބަދަލާއިއެކު ކައުންސިލްތަކަށް ލިބިދޭ ބާރުގެ ފުރިހަމަ ބޭނުން ހިފައި ރަށަށް ތަރައްގީ ގެނެސްދިނުމެވެ. ނަމަވެސް ސުވާލަކީ އެ ބާރުގެ ބޭނުންކޮށްގެން ކައުންސިލްތަކަށް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހާސިލްކުރެވުނީ ކޮން ކަންތައްތަކެއްތޯއެވެ. ގާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގަ އަދިވެސް ހުރަސްތަކެއް ހުރިކަން ކައުންސިލްތަކުން ފާހަގަކުރެއެވެ. އެގޮތުން ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭން ހާސިލްވުމުގަ އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު އޭގެ ތެރޭގައި އައު މަގާމުތަކަށް މުވައްޒަފުން ނެގުމުގެ ފުރުސަތު އޮތީ ހުއްޓިފައެވެ.

ކައުންސިލްތަކަށް ބޭނުންވާ ސިވިލް އިންޖިނިއަރުންނާއި އާކިޓެކްޗަރުން ފަދަ މަގާމުތަކަކީ މުހިންމު މަގާމުތަކެއް ނަމަވެސް އަދިވެސް ކައުންސިލްތަކަށް އެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގަ ހުރަސްތަކެއް އެބަހުއްޓެވެ.

އަލަށް ހުވާކުރި ކައުންސިލަށް އެއް އަހަރުވުމާއި ގުޅިގެން ކައުންސިލްތަކަށް ހާސިލްކުރެވުނު ކަންކަމުގެ މައުލޫމާތު ހޯދަން ކުރި މަސައްކަތުގެ ތެރެއިން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވީ ކައުންސިލްތަކަށް ބޭނުންވާ ބައެއް މަގާމުތަކަށް މުވައްޒަފުން ނެގުމުގަ ހުރަސްތަކެއް ހުރި ކަމަށާއި ވަގުތީ ގޮތުން މުވައްޒަފުން ނަގަން ބަލާއިރު ރަނގަޅު ކަމަށް އެކަށޭނަ މުވައްޒަފުން ނުލިބޭކަން ފާހަގަކުރެއްވިއެވެ.

މިސާލަކަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަކަށް މުވައްޒަފުން އަންނަން ބޭނުމެއް ނުވޭ. އެއީ ވަރަށް ބޮޑު ޗެލެންޖެއް. އަދި ކައުންސިލުން ކުންފުނި ހެދުމުގަ ހަދަންޖެހޭ ގަވާއިދުތައް އަދިވެސް އެއްކޮށް ފައިނަލް ނުވެ އޮތުމަކީވެސް ވަރަށް ބޮޑު ހުރަހެއް."
ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް

ލާމަރުކަޒީ ނިޒާމާ މެދު ސަރުކާރުން އަމަލުކުރަމުންދަނީ ވަރަށް ކޮށިކޮށް ކަމަށާއި އައު ލާމަރުކަޒީ ނިޒާމަށް ދައުލަތުގެ ވުޒާރާތަކުން ފަރިތަވާންޖެހޭކަމަށްވެސް ގިނަ ކައުންސިލްތަކުން ބުނެއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ތަރައްގީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ހިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ހައްގުތަކާއި މަސްލަހަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުމުގެ ބާރު ކައުންސިލްތަކަށް އޮތް ނަމަވެސް މި ދެންނެވި ބާރުގެ ބޭނުން ބައެއް ކައުންސިލްތަކަށް ނުކުރެވެއެވެ.

ހާއްސަކޮށް ކުދި އާބާދީތަކަށް ނިސްބަތްވާ ރަށްރަށުގެ ކައުންސިލްތަކަށް ލޯނެއް ނަގައިގެން ރިސްކެއް ނެގެން ނެތެވެ. ހާހުން ދަށުގެ އާބާދީތައް ހުރި ރަށްރަށަށް ބޯހިމެނުމަށް ބަލައިގެން ދައުލަތުން ދޭ ބަޖެޓަކީ ލޯނެއް ނަގައިގެން އަނބުރާ ދައްކަން ބަލާއިރު އެންމެ އެކަށޭނެ ބަޖެޓެއް ނޫނެވެ. އެ ފަދަ ކައުންސިލްތަކުގެ އިދާރީ ޚަރަދަުތައް ބަލަހައްޓައި ރަށުގައި ކޮންމެހެން ހިންގަންޖެހޭ ޕްރޮޖެކްޓްތަކާއި ހަރަކާތްތަކަށް ފަންޑުކުރުމަށް ފަހު ތިޖޫރީގައި ލޯ ލާރިއެއް ވެސް ނޯވެއެވެ.

ގާނޫނެއް ކިތައްމެ ފުރިހަމައަށް ފަރުމާކޮށް އަދި ކައުންސިލްތަކަށް ބާރުތަކެއްދީފައި އޮތަސް މިފަދަ ކަންކަމާހުރެ ކައުންސިލްތަކަށް މާލީ ގޮތުން އަދި އެނޫން ގޮތްގޮތުންވެސް ދީފައިވާ ބާރުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭ ކަމަކަށް ނިންމޭކަށްނެތެވެ.