ވިލާ ކޮލެޖަކީ ރާއްޖޭގައި ޕްރޮފެޝަނަލް ކޮލިފައިޑް އެކައުންޓެންޓުން އުފެއްދުމުގައި އިސްދައުރެއް އަދާކުރާ އަދި މުހިންމު ބައިވެރިއެއްކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީއައިއެމްއޭ) ރަސްމީކޮށް އިފްތިތާހުކުރުމަށް ވިލާ ކޮލެޖްގެ ކިއުއައި ކޭމްޕަސްގައި ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ވިލާ ކޮލެޖަކީ ރާއްޖޭގައި ޕްރޮފެޝަނަލް ކޮލިފައިޑް އެކައުންޓެންޓުން އުފެއްދުމުގައި އިސްދައުރެއް އަދާކުރާ އަދި މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ސީއައިއެމްއޭގެ ތަމްރީނު ރާއްޖޭގައި ދިނުމަށް ވިލާ ކޮލެޖުން އިސްނަގައިގެން މަސައްކަތް ކުރަމުން ގެންދާތީ، ނިޔާޒީ ވަނީ ވިލާ ކޮލެޖަށް މަރުހަބާ ދެންނަވާފައެވެ.

ސީއައިއެމްއޭ ޕްރޮގްރާމްތައް ފަރުމާ ކޮށްފައިވަނީ ވަކި ވަކި ފަރުދުންގެ ޕްރޮފެޝަނަލް ޕްރޮފައިލަށް ތަފާތު ކަމާއި ފްލެކްސިބިލިޓީ އިތުރުކުރުމަށް އެހީތެރިވެދީ، ތަފާތު އިންޑަސްޓްރީތަކާއި ފަންކްޝަންތަކުގައި ރޯލްތަކަށް ތައްޔާރުވުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. މި ކޯސްތައް ފަރުމާކޮށްފައިވަނީ ހަމައެކަނި ފައިނޭންސް ކިޔަވާ ކުދިންނަށް އެކަންޏެއް ނޫނެވެ.

ސީއައިއެމްއޭގެ ދަށުން ވިލާ ކޮލެޖުން މިހާރު ދެނީ ސެޓްފިކެޓް އިން ބިޒްނަސް އެކައުންޓިން ލެވެލް (ސީބީއޭ)، އޮޕަރޭޝަނަލް ލެވެލް، މެނޭޖްމަންޓް ލެވެލް، ސްޓްރެޓެޖިކް ލެވެލް އަދި ސީޖީއެމްއޭ ފައިނޭންސް ލީޑާޝިޕް ޕްރޮގްރާމް (އެފްއެލްޕީ)އެވެ.

ވިލާ ކޮލެޖުން ބުނީ ވިލާ ކޮލެޖުގެ މެނޭޖްމަންޓް އަދި ބިޒްނަސް އާ ގުޅޭ އެއްވެސް ޕްރޮގްރާމެއް ކިޔަވާ ދަރިވަރުންނަށް ސީއައިއެމްއޭގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ސީޖީއެމްއޭ ފައިނޭންސް ލީޑަރޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނަށް ސީއައިއެމްއޭ ކޮލިފިކޭޝަންގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

މީގެ އިތުރުން ޑިގްރީގެ ދެވަނަ އަހަރު ކިޔަވަމުން ގެންދާ ދަރިވަރުންނަށް އޮޕަރޭޝަނަލް ލެވެލްގައި ފަށައި، ޑިގްރީ ނުވަތަ މާސްޓާސް އާއެކު ސީއައިއެމްއޭގެ ކޮލިފިކޭޝަން ފުރިހަމަ ކުރުމުގެ ގާބިލްކަން އެއް ފަރާތަކަށް ދޭނެ ކަމަށްވެސް އެ ކޮލެޖުން ބުނެއެވެ.

ސީއައިއެމްއޭގެ ސީބީއޭ ލެވެލް އަދި ސީއައިއެމްއޭ އޮޕަރޭޝަނަލް ލެވެލްގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުން ހިންގަނީ ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ރެކްޓަރ ޑޮކްޓަރ އަލީ ނަޖީބު ވިދާޅުވީ ވިލާ ކޮލެޖަކީ ރާއްޖޭގައި ސީއައިއެމްއޭ ޕްރޮގްރާމްތައް ހިންގާ ހަމައެކަނި ރެޖިސްޓަރޑް ޓިއުޝަން ޕްރޮވައިޑަރ ކަމަށެވެ.

މި ހަފްލާގައި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރުގެ އިތުރުން ސީނިއާ މެނޭޖްމަންޓާއި ސީއައިއެމްއޭގެ އޮފިޝަލުންނާއެކު ޒޫމް ކޯލް މެދުވެރިކޮށް ސީއައިއެމްއޭގެ ކަންޓްރީ މެނޭޖަރު ޒަހަރާ އަންސަރީ ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ހަފުލާގައި ސީއޭ މޯލްޑިވްސްގެ މެމްބަރުންނާއި އެކައުންޓިން ދާއިރާގެ އެހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ރާއްޖޭގައި ސީއައިއެމްއޭގެ ކޮލިފިކޭޝަން ފުރިހަމަ އަންހެން ބޭފުޅާ އާތިފާ އަލީ ވެސް ހިމެނެއެވެ.