ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ގެކޮޅުގައި ވެސް ބަޔަކު "އިންޑިއާ އައުޓް" ޖަހައިފިއެވެ.
މިނިސްޓަރު މާރިޔާގެ ގެކޮޅަށް ވަންނަ ދޮރެއްގައި "އިންޑިއާ އައުޓް" ސްޕްރޭކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ވީނިއުސްއަށް ވަނީ ލިބިފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށްގެންދާ ކެމްޕޭންގެ ސްލޯގަން މިނިސްޓަރު މާރިޔާގެ ގެކޮޅުގެ ދޮރެއްގައި އޮރެންޖު ކުލައިން ސްޕްރޭ ކޮށްފައި ވަނީ ބެލެވޭ ގޮތުގައި ރޭގެ ވަގުތެއްގައެވެ.
މިކަމާއި ގުޅިގެން ރަސްމީ މަސްދަރަކުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ކެމްޕެއިނަކީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް ކަމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ރައީސް ޞާލިޙް ނެރުއްވި ރިޔާސީ ޤަރާރަކުން ވަނީ ނިންމާފައެވެ. އެގަރާރަށްފަހު މާލޭގައި ވެސް އަދި ރާއްޖޭގެ އެހެން ރަށެއްގައި ވެސް އިންޑިއާ އާއި ދެކޮޅު ބެނާއެއް ދަމައިފިނަމަ ފުލުހުން ގޮސް ބެނާތައް ނަގައެވެ.
ނަމަވެސް "އިންޑިއާ އައުޓް" ހަރަކާތްތައް އަންނަނީ މިހާރު ވެސް ސިއްރުން ހިންގަމުންނެވެ. އެގޮތުން އިންޑިއާ ސަފީރު މުނު މަހާވަރު ދިރިއުޅުއްވާ ހުޅުމާލޭ ފްލެޓްގެ ކުރިމައްޗަށް ދާދިފަހުން ވަނީ "އިންޑިއާ އައުޓް" ކަރުދާސްތަކެއް އަޅާފައެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ގެކޮޅުގެ ކުރިމައްޗަށްވެސް "އިންޑިއާ އައުޓް" ކަރުދާސްތައް ވަނީ އަޅާފައެވެ.
އަދި މާލޭގެ އެކި އިމާރާތްތަކުގައި ކޮންމެ ރެއަކު ވެސް "އިންޑިއާ އައުޓް" ސްޕްރޭ ކުރަމުން އެބަގެންދެއެވެ.
ދާދި ފަހުން އޭޑީކޭގެ ހޮސްޕިޓަލްގެ ފާރެއްގައި ވެސް އިންޑިއާ އައުޓް ޖަހާފައި ވެއެވެ.