މިހާރު ކުރިއަށްދާ ވާހަކަދެއްކުމުގެ 35 ވަނަ ގައުމީ މުބާރާތުގައި ދެ ގިންތިއެއްގެ ބައިވެރިންގެ ވާހަކަދެއްކުން ނިމިއްޖެއެވެ.
ވާހަކަދެއްކުމުގެ 35 ވަނަ ގައުމީ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވީމީޑިއާ ހަމަޖައްސާފައި ވާއިރު، މި މުބާރާތުގެ ހުރިހާ ދަންފަޅިއެއް ވީޓީވީން ގެނެސްދޭނެއެވެ. އަދި ވީނިއުސްގެ ވެބްސައިޓް މެދުވެރިކޮށް މުބާރާތާ ގުޅުންހުރި ޚަބަރާއި މައުލޫމާތު ގެނެސްދޭނެއެވެ.
ވާހަކަދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތުގައި ހިމެނޭ އޮފީސް، ކުންފުނި، ކުލަބު، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބައި ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވަނީ ބަހުސް މުބާރާތެއްގެ ގޮތުގައެވެ. ބަހުސް މުބާރާތުގައި ޖުމުލަ 3 ގްރޫޕެއް ބައިވެރިވެފައިވާއިރު، ބަހުސް މުބާރާތް 18 މެއި 2022 ވާ، ބުދަ ދުވަހުގެ ރޭ ނިމޭނެއެވެ.
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ކުރިއަށް ދާނީ ސާނަވީ ގިންތި ފިޔަވާ ދެންހުރި ބައިތައް މޭ 18ގެ ނިޔައަލަށެވެ. އަދި ސާނަވީ ގިންތީގެ ބައި އޮންނާނީ ޖޫން 22 އިން 30 އަށެވެ.
މި މުބާރާތުގެ ދަށު ސާނަވީ ގިންތީގައި ޖުމުލަ 23 ސްކޫލަކުން ބައިވެރިވިއިރު، ގިނަ ސްކޫލަކުން 5 ދަރިވަރުން ބައިވެރިވެފައިވެއެވެ. ދަށު ސާނަވީގެ ފައްސިޔަ އަދި އަރުތަ ބުރު ވަނީ މިހާރު ނިމިފައެވެ. ފައްސިޔަ ބުރު ނުވަތަ އެއް ވަނަ ބުރުގައި ވާހަކަދައްކާނީ ކުރިން ދީފައިވާ މައުޟޫއަކަށެވެ. ނަމަވެސް، އަރުތަ ބުރު ނުވަތަ ދެވަނަ ބުރުގައި ވާހަކަދައްކާނީ ގުރުއަތުން ހޮވޭ މައުޟޫއަކަށެވެ.
މަތީ ސާނަވީގެވެސް ފައްސިޔަ ބުރު ވަނީ މިހާރު ނިމިފައެވެ. އަރުތަ ބުރު އޮންނާނީ 18 މެއި ވާ ބުދަ ދުވަހުގެ ރޭގަނޑުއެވެ. މަތީ ސާނަވީ ގިންތީގައި ދެ ސްކޫލަކުން ޖުމުލަ 10 ދަރިވަރުން ބައިވެރިވިއެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމް ދިނުން އޮންނާނީ ހުރިހާ ގިންތިއެއްގެ ދަންފަޅިތައް ނިމުމުން އެކަމަށް ބޭއްވޭ ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު އޮންނާނެ ސީދާ ތާރީޚެއް އަދި ކަނޑަނޭޅި ނަމަވެސް ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޯގަސްޓް މަހުގެ ކުރީކޮޅު މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނެ ކަމަށް ބެލެވެއެވެ.
މި މުބާރާތުން ރަން ވަނަތައް ހޯދާ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމްގެ އިތުރުން ދިވެހިބަހުގެ އެކަޑެމީން ދޭ އިނާމާއި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ދޭ އިނާމްގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ވެސް އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.