ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅެން، ލިވަޕޫލްގެ އިތުބާރު ފޯވާޑް މުހައްމަދު ސަލާހް އާއި ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެންޑައިކު ފިޓުވާނެކަމަށް އެކުލަބުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
އެފްއޭ ކަޕުގެ ފައިނަލް މެޗުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސަލާހް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. އަދި ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނު މިމެޗުގެ ފުރިހަމަވަގުތުގެ 90 ވަނަ މިނެޓުގައި ވެންޑައިކު ވެސް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.
ޕްރިމިއަރ ލީގުގައި ސައުތެމްޕްޓަން އާއި ދެކޮޅަށް ހޮނިހިރު ދުވަހުގެރޭ ލިވަޕޫލް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޮޕް ބުނީ، ސައުތެމްޕްޓަނާ ދެކޮޅަށް ސަލާހް އާއި ވެންޑައިކު ނުކުޅޭނެ ކަމަށެވެ. އެހެންނަމަވެސް އަންނަ އާދިއްތަ ދުވަހުގެރޭ ވުލްވްސް އާއި ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގައި މި ދެ ކުޅުންތެރިން ކުޅޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތް ނަމަވެސް ކަށަވަރު ކަމާއެކު ބުނަން ނޭންގޭ ކަމަށެވެ.
ވުލްވްސް އާއި ދެކޮޅަށް ކުޅޭ މެޗުގައި ސަލާހް އާއި ވެންޑައިކަށް ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދުނު ނަމަވެސް، މިމަހުގެ 28 ވަނަ ދުވަހު ފްރާންސްގެ ޕެރިސްގައި ރެއާލް އާއި ދެކޮޅަށްކުޅޭ މެޗުގައި ސަލާހް އާއި ވެންޑައިކުވެސް ކުޅޭނެ ކަމުގެ ޔަގީންކަން ދޭކަމަށް ކްލޮޕް ބުނެފައިވެއެވެ.
ފައިނަލް މެޗުގައި ސަލާހް އަށް ކުޅެވިދާނެ ކަމާމެދު މީގެކުރިން ސުވާލު އުފެދުނުނަމަވެސް، އޭނާ މިމެޗުގައި ކުޅޭނެކަމުގެ ޔަގީންކަން ކްލޮޕް ދީފައިވާއިރު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 2018 ވަނަ އަހަރުގައި މި ދެޓީމު ބައްދަލުކުރި މެޗުގައި އަނިޔާވެގެން ސަލާހް އަށް މެޗު ފުރިހަމަކުރެވިފައެއް ނުވެއެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ރެއާލްގެ އޭރުގެ ކެޕްޓަން ސާޖިއޯ ރާމޮސް އާއި ސަލާހްގެ ކުރިމަތިލުމެއްގެ ތެރެއިން ސަލާހް އަށް އަނިޔާވެ ބަދަލުކުރަން ޖެހުނީއެވެ.
ޔޫރަޕުގެ ކުލަބު ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރީ ސެމީ ފައިނަލުގައި ވިޔަރެއާލްގެ މައްޗަށް ކުރިހޯދައިގެންނެވެ. މިފަހަރުގެ ޗެމްޕިއަންސްލީގުގައި ސަލާހް ވަނީ ޖުމްލަ 8 ލަނޑު ކާމިޔާބު ކޮށްދީފައެވެ.