ދުނިޔޭގެ ެލެކޮމިއުނިކޭޝަން ދުވަހާއި ގުޅިގެން އިސްރަށްވެހިންނަށް %30 ޑިސްކައުންޓް އަދި ވައިބާ ބޭނުންކޮށްލުމަށް ހިލޭ ޑޭޓާ ލިބޭ ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ތައާރަފްކުރި "އިސްރަހަވެހި ޕްލޭން" އަކީ، މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އުރީދޫ އިން ހިންގާ ހަރަކާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕްލޭނެކެވެ. މި ޕްލޭނަކީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފަދައިން ދޮށީ އުމުރުގެ މީހުންވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރުއުޅުމަކަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރި ޕްލޭނެކެވެ.

މި ޚާއްޞަ ޕެކޭޖް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އޮނަރަބަލް ޢާއިޝަތު މުޙައްމަދު ދީދީއެވެ. މި ޕެކޭޖް އިފްތިތާޙްކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ "އުރީދޫގެ ސީނިއަރ ސިޓިޒަން ޕޯސްޓްޕެއިޑް" އޮފަރއާއި އެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގެ ބައިވެރިވުން އިތުރު ވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި ދިރިއުޅުމުގެ އަސާސީ ބޭނުމަކަށް އިންޓަރނެޓް ވެފައިވާއިރު، ވަރަށް ހަލުވިކަމާއެކު އަޅުގަނޑުމެން ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ޓެކްނޮލިޖީގެ ތެރެއިން ބަރޯސާވެފައިވަނީ ހަމައެކަނި މުވާޞަލާތު ކުރުމަށް އެކަނިނޫން ކަމަށާއި، މަޢުލޫމާތު ހޯދައި، އިޤްތިޞާދު ކުރިއެރުވުމަށާއި، ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދްމަތް ތަކެއް ފޯރުކޮށްދިނުމަށްވެސް ޓެކްނޮލޮޖީ މުހިންމު ރޯލެއް އަދާކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ޕެކޭޖާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ، ޑިޖިޓަލް ކުރިއެރުންތަކުގެ މަންފާގައި ހުރިހާ އުމުރެއްގެ މީހުން ޝާމިލުކޮށް ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އުއްމީދަކީ މިހާރަށްވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުކޮށް، އައު ފުރުސަތުތަކާ ގުޅުވާލަދިނުން ކަމަށެވެ. އަދި ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް، ދޮށީ އުމުރުގެ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގައި އުރީދޫއިން ދެމި ތިބޭނެކަމަށް ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އަލަށް ތައާރަފްކުރި ޕެކޭޖް ކަމަށްވާ "އިސްރަހަވެހިންގޭ ޕެކޭޖް" މެދުވެރިކޮށް 60 އަހަރާއި މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން %30 ހަމައަށް ޑިސްކައުންޓްގެ އިތުރުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ވައިބާ ބޭނުންކުރުމަށް ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ޕެކޭޖަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ކްލަބް ޕްރިމިއަރ ގޯލްޑް މެމްބަރޝިޕާ އެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ހާއްސަ އޮފަރތައްވެސް ލިބިގެންދާނެއެވެ.

އިސް ރަށްވެހިންގެ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމުގެ ގޮތުން ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރިވާ މިންވަރު ހަލުވިކުރުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް މިއަހަރުވެސް ކުރިއަށް ގެންދާނެއެވެ. ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމަކީ 2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ތަޢާރަފްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫއިން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކުދި ބޮޑު އެންމެހައި ބޭފުޅުންގެ ދިރިއުޅުމުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމުގެ ފުރުސަތުތަކާއި ގުޅުވާލަދިނުމުގައި އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން އަރުވައެވެ.