މީހުން ބިނާކުރުމާއި ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ދަރިވަރުންނަށް އެކުވެރި ގައުމުތަކުން ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މަޝްވަރާ ކުރައްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ އިންޑޮނޭޝިއާ، މިސްރު އަދި ދެކުނު އެފްރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، ރައީސް ސާލިހަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު އެމަނިކުފާނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު ދޭވީ ގުސްތީނާ ޓޯބިންގ ވަނީ އިސްލާމްދީނަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭ ސަބަބެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިޤްތިޞާދީ ދާއިރާތަކުގައި މަސައްކަތް ކުރާ އިންޑޮނޭޝިއާ ރައްޔިތުންގެ މަސައްކަތްތަކަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

އިންޑޮނޭޝިއާގެ އައު ސަފީރަށް ތަހުނިޔާ ދެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެކަމަނާއާ އެކު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ އެއް ސިއްރަކީ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ދޭދޭ ގުޅުންތައް ކަމުގައި ވިދާޅުވިއެވެ.

އަދި، އެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުގެ މެދުގައި އިތުރު މަޝްވަރާތައް ކުރުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.

މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރު، މާގެދް މުސްލިޙް އާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހް ވަނީ މިޞްރު ސަރުކާރުން ރާއްޖެއަށް ތަޢުލީމީ ދާއިރާއިންނާއި މީހުން ބިނާކުރުމުގެ ދާއިރާއިން ދެމުން އަންނަ ފުރުޞަތުތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ.

ހަމައެހެންމެ ޚާއްޞަ ގޮތެއްގައި މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށްދެއްވަމުން ގެންދަވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، ރާއްޖެއަށް އެކި ދާއިރާތަކުން ސްކޮލަރޝިޕްގެ އިތުރު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

މިޞްރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ މިޞްރާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ރާއްޖޭގައި މިހާރުވެސް މިޞްރުގެ ޑޮކްޓަރުންނާއި ޓީޗަރުން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ސެންޑިލް އެޑްވިން ޝޯކް އާ ރައީސް ދެއްކެވި ވާހަކަފުޅުގައި ދެކުނު އެފްރިކާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި އެންބަސީ ހުޅުވިގެންދިއުން ވެގެންދާނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި މިގައުމުތަކާއި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.