ތިރީގައި މިވަނީ، ވާހަކަ ލިއުންތެރިޔާ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.
*****
(8 މެއި 2022 ގެ އަދަދާ ގުޅޭ)
އެލާމުވާ އަޑުފައްގަނޑަށް އަހަރެންނަށް ހޭލެވުނުއިރު މުނާ އޮތީ އަރާމު ނިންޖަކުން ނިދާފައެވެ. ހޭލެވުނެއްކަމަކު އަހަރެން ހުރީ ނިދި މަދުވެ އަދި ޖައްސާލަން ބޭނުންވެފައެވެ. ނަމަވެސް އޮފީހަށް ގަޑިޖެހިދާނެތީ އަހަރެން ގަދަކަމުން ތެދުވެ ފެންވަރާ ރީތިވެލައިގެން އޮފީހަށްދިޔައީމެވެ. އަހަރެންނަކީ އާއްމުކޮށް ކޮންމެ ދުވަހަކު އެދުވަހެއްގެ މަސައްކަތް އެދުވަހަކަށް ނިންމާ މީހެއްކަމުން އަހަރެން ކުރާކަށް މާބޮޑު މަސައްކަތްތަކެއް ފުނިޖެހިފައެއް ނޯވެއެވެ. އެހެންކަމުން އޮފީހުގައި އިނދެގެންވެސް އަހަރެންނަށް ވިސްނެމުންދިޔައީ ރޭގެ ހާދިސާއާއި މެދުގައެވެ. އެންމެފަހުން އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ފޯނުނަގާ މުނީރަށް ގުޅާލީމެވެ.
މުނީރަކީ ރަށު ކައުންސިލުގައި މަސައްކަތްކުރާ މީހެއްކަމުން އަހަރެމެން އާއްމުކޮށް އަރާ ކެފޭއަށް އޭނާއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ." ހާދަލަހުން ! މަގެނައި ކޮފީތަށި ހުސްވެސް ވެއްޖެ!" މުނީރު ފެނުމާއިއެކު އަހަރެންނަށް މަޑަކުން ނީދެވުނެވެ. "އޭ މަ ނިންމާލަންވެފަހުރި މަސައްކަތްތަކެއް ނިންމާފަ އަންނަންވީމަ ލަސްވީ!" އަހަރެންގެ ސުވާލުތަކަށް މުނީރު ޖަވާބުދެމުން "ނޫނޭ! މަ އަސްލު ވާހަކައެއް ދައްކަން!". ވެގެންމިއުޅޭ ގޮތަކީއޭބުނެ އަހަރެން ހުރިހާ ވާހަކަތަކެއް މުނީރަށް ކިޔައިދިނީމެވެ.
ބައިގަޑިއިރެއްހާއިރު އަހަރެން އަނގަ ތެޅުވިއިރުވެސް މުނީރު އިނީ އަޑުއަހަންށެވެ. އަހަރެންގެ ވާހަކަތަށް ނިމުމުން ކޮފީ ކޯވަރެއް ބޯލުމަށްފަހު މުނީރުގެ ވާހަކަ ފެށިއެވެ. މަށަކަށްނޭގެ ތިޔަށް ދޭނޭ ޖަވާބެއް! ތިއީ ފަހަރުގަ ހީވުމަކަށްވެސް ވެދާނެ! ފުރަތަމަ ހިނގާތިކަންތައް ބަލަމާ! ތީ ކޮން އަހުމަދެއްތޯއެއްނު ފުރަތަމަ ބަލަންވީ! މަށައް ތިކަން ކޮއްލެވިދާނެ މަ ބަލާލަފާނަން ތިޔަ އަހުމަދެއް! އައިޑީ ކާޑު އަތުޖައްސާ! މުނީރުގެ ވާހަކަތަކަށް އަހަރެންވެސް ތާއީދު ކުރި ނަމަވެސް މިވީހާތަނަށް މުނާ އަހައްނަށް އޮޅުވާލާފައެއް ނެތެވެ. ބޭވަފާތެރިވެފައެއް ނެތެވެ. އެހެންކަމަށް ވާނަމަ އަހަރެން އޭނާއާއިމެދު ޝައްކުގެ ނަޒަރުން ދެކެންވީ ސަބަބެއް ނުވިސްނުނެވެ. ދިރިއުޅުމުގައި ބޮޑެތި އަޑިގުޑަންތައް ފުލުފުލުން ދިމާވާން ފެށުމުން އަހަރެން ކޮންމެވެސް ވަރަކަށް ހުންނަނީ ބޯގޮވާފައެވެ. ކޮފީ ނިންމާލުމަށްފަހު އަހަރެން ދިޔައީ އޮފީހަށެވެ.
ގެޔާއި ކައިރިވަމުން ދިޔަވަރަކަށް އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. އަހަރެންގެ ކުށްހީތަށް ހަގީގަތަކަށް ވެއްޖެނަމަ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވީއެވެ. ދެކެމުންއައި ހުވަފެންތަށް ފުނޑުފުނޑުވީއެވެ. މުނާ ދެރަވެދާނެތީ އަހަރެން މުނާއާއި މިވާހަކަތަށް ދައްކަން އަދި ބޭނުމެއް ނޫނެވެ. މުނާ އަހަރެންދެކެ ފޫހި ވެދާނެތީއެވެ. ނުވަތަ އޭނާ އިތުރަށް ޑިޕްރެސް ވެދާނެއެވެ. ނަމަވެސް އަހަރެން މިކަމުގެ ހަގީގަތް އެނގެން ބޭނުމެވެ. ސައިކަލު ޕާކް ކޮށްލުމަށްފަހު އަހަރެން ގޭތެރެޔަށް ވަތްއިރު އަހުމަދު ޓީވީ ބަލަން ސިޓިން ރޫމުގައި އިނެވެ. އަހުމަދު ފެނުމާއިއެކު އަހަރެން ވާހަކަފެށީ އޮޅުވާލުމުގެ ނިޔަތުގައެވެ.
"އޯ!ޝިޓް! މިއައީ ކާއެއްޗެއް ނުލާ!" އަހަރެންގެ އަޑަށް އަހުމަދު ޓީވީގެ އަޑު މަޑުކޮށްލުމަށްފަހު އަހަރެންނާއި ދިމާލަށް ބަލައިލިއެވެ." ޖައްސާލަންވީނު! ވަރަށް ވަރުބަލި! އެހެންވެ ހަނދާން ނެތުނީ!" ސައިކަލު ތަޅުދަނޑި އަހުމަދާއި ދިމާލަށް އެއްލަމުން އަހަރެން އަނެއްކާވެސް ބުނެލީމެވެ. ބަޑުހައި ވެފައި އިންވަރުންވެސް ކަންނޭގެއެވެ. ބައިވަރު ވާހަކަތަކެއް ނުދައްކާ ސައިކު ތަޅުދަޑީގައި ހިފިއެވެ. އަހަރެންވެސް އަލަމާރިން ފިނި ފެންފުޅިއެއް ނެގުމަށްފަހު ކާމޭޒު ކައިރީގައި މަޑުކޮށްލީ އަހުމަދު ދާނެ އިރެއްގެ އިންތިޒާރުގައެވެ. ނަސީބަކުން އަހަރެނަށް މާގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ޓީވީ ނިއްވާލުމަށްފަހު އަހުމަދު ބޭރަށް ނިކުތެވެ.
ސައިކަލު ސްޓާޓް ކޮށް އަޑު މަޑުވަންދެއް އަހަރެން މޭޒުކައިރީގައި އިނީ ކެތްމަދު ވެފައެވެ. އަޑު ކެނޑުމާއިއެކު އަހަރެން މުނާކޮބައިތޯ ބަލައިލީމެވެ. މުނާ އޮތީ ކޮޓަރީގައެވެ. ނިދިފައި ކަންނޭގެއެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު އަހުމަދު އުޅެމުން އައި ކޮޓަރިއަށް އަހަރެން ވަނީމެވެ. ކޮޓަރިއަށް ވަނުމާއިއެކު އަހަރެންގެ ހިއްސުތަށް ހޭލައްވާލީ ކޮޓަރިން ދޮވަމުންދިޔައީ ސެންޓުގެ ވަހުންނެވެ. އެއީ އަހަރެމެންގެ ކައިވެންޏަށް 4 އަހަރު ވުމުގެ އުފަލުގައި އަހަރެން މުނާއަށްދިން "ސްކޭންޑަލް" ސެންޓުގެ ވަހެވެ. އެއީ އަހަރެންނަށް އޮޅުވާލެވޭނެ ވަހެއް ނޫނެވެ. އިރަކޮޅަކަށް ހުއްޓުންއަރާފައި ހުރެވުނެއް ކަމަކު ކޯތާފަތަށް ފައިބާގަތް ކަރުނަތިކިތަކާއި އެކު އަހަރެން ކުރަން އައި ކަންތަކާއިގެން އަވަސްވެގަތީމެވެ.
ކޮޓަރިތެރޭގައި ހުރި އަލަމާރިއާއި ކަބަޑުތަކުގެ އިތުރުން ގޮދަޑި ދަށްވެސް އަހަރެން ބެލީމެވެ. އެއްވެސްތާކުން އަހުމަދުގެ ޕާސްޕޯޓު ނުވަތަ އައިޑީ ކާޑު ނަމަވެސް ފެންނަން އޮތްތޯއެވެ. ވަރަށްއިރު ކޮޓަރިތެރެ ހޭވުމަށްފަހު ނެތްކަމަށް ނިންމާފައި އަހުމަދަށް ޝައްކެއް ނުވާނޭހެން ހުރިހާއެއްޗެއް އެއެއްޗެއް ހުރި ތަރުތީބުން އެތުރުމަށްފަހު އެންމެފަހުން އަހަރެން މާޔޫސް ކަމާއިއެކު ކޮޓަރިން ނިކުންނަން ހިނގައިގަތީމެވެ. ހުޅުވާފައި ހުރި ދޮރުން ނިކުތްއިރު މުނާ ސިޓިން ރޫމަށް ނިކުންނަނީއެވެ. "ޒިހާން ތިތާ ތިކުރަނީ ކީއް?" އަހަރެން ފެނުމާއިއެކު މުނާ ސުވާލުކޮށްލިއެވެ. " އިސްކޫރު ހަލާކުވެފަ އިން ވާހަކަ ބުނީމަ! އެ ރަނގަޅުކޮށްލަން ކަމަށްވަނީ!" އެތެރޭގައި ހިނގަމުންދިޔަ ރުޅިވެރިކަމާއި ނަފުރަތުގެ ރުޅިގަނޑު މައިތިރި ކޮށްލުމަށްފަހު އަހަރެން މުނާގެ ސުވާލަށް ޖަވާބުދިނީމެވެ.
ތަފާތު ގޮތްގޮތަށް ވިސްނުމަށްފަހު އަހަރެން އެންމެފަހުން މޮޅު ރޭވުމެއް ރާވާލީމެވެ. އޮންލައިންކޮށް ސްޕައި ކެމް އަކަށް އަހަރެން އޯޑަރު ޖަހާލީ އަހަރެންގެ މަސައްކަތް ފުރިހަމަކޮށް ސާބިތު ހެއްކާއިއެކު ނޫނީ މުނާ އާއި ކުރިމަތި ނުލުމަށެވެ. ކޮންމެ ގޮތަކަށް ކަންތައް ދިޔަނަމަވެސް އަދިވެސް އެއީ އަދި އަހަރެންގެ އަނބިމީހާއެވެ. ހަގީގަތުގައި ރުޅި އަންނަންޖެހޭވަރަށް އަހަރެންނަށް ރުޅި ނާދެވެއެވެ. ކިތަންމެ ވަރަކަށް ރުޅި އަންނަން މަސައްކަތް ކުރިނަމަވެސް އަހަރެންގެ ހިތުގައި މުނާއަށް ހިނގަމުންދިޔަ ލޯބި ނަފުރަތުގެ ހުޅަށް ފެންޖަހާ ނިއްވާލަނީއެވެ. އެމީހަކަށްޓަކައި އަހަރެން މުޅި ދިރިއުޅުން ގުރުބާންކުރި އަހަރެން ފުރާނަ ފަދައިން ލޯބިވާ އަނބިމީހާ އެފަދަ ހަޑި މުޑުދާރު އަމަލެއް ކޮށްފާނެކަމައް އަހަރެންނަށް ގަބޫލު ނުކުރެވެނީއެވެ. ނުވަތަ އަހަރެންގެ ޒަމީރު އެފަދަ ގޮތަކަށް މުނާ އަހަރެންނާއިމެދު ކަންތަށް ކޮށްފާނެކަމަށް ގަބޫލުކުރަން ބޭނުން ނުވަނީއެވެ.
އެއްރެޔެއްގެ މެންދަމެވެ. މިހާރަކަށް އައިސް އަހަރެންނާއި ނިންޖަކީ ދެ ހަތުރުންނެވެ. މީހާ ވަރުބަލިވެގެން "ކެނޑެންދެއް" އޮވެވެނީ ތަފާތު ފިކުރުތަކުގައެވެ. މިރޭވެސް މިއީ އެފަދަ ރެއެކެވެ. ވަރަށް ގިނަ އިރު ކެއްކުރުމަށްފަހު މުނާ ނިދިކަން އަހަރެން ކަށަވަރުކުރީ ނިދީގައި މަޑު ރާގަކަށް ދަމަމުންދިޔަ ގުގުރިންނެވެ. އެނދަށް ގުޑުމެއް ނާންނާނެހެން އަހަރެން އެންދުންތެދުވެ, އެނދުގެ މުނާއާއިވީފަޅީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް މުނާގެ ފޯނުނަގާ ހާވާލީމެވެ. ސައްކުކުރެވޭ އެއްވެސް ކަމެއްފާހަގަވޭތޯއެވެ. ފުރަތަމަވެސް އަހަރެންނަށް ހާވާލެވުނީ މެސެޖް ތަކެވެ. އެއްވެސް ނުދަންނަ ނަންބަރެއް އިންތޯއެވެ. ފޭސްބުކާއި އިސްޓަރ ގްރާމްގެ އިތުރުން މީސްމީޑިއާގައި ބޭނުންކުރާ ހުރިހާ ވަސީލަތެއް އަހަރެން ރަނގަޅަށް ހާވާ ބެލީމެވެ. ނަމަވެސް ޝައްކު ކުރެވޭ އެއްވެސް ކަމެއް އަހަރެންނަކަށް ފާހަގައެއް ނުކުރެވުނެވެ.
އަހަރެން ގެލަރީ ހުޅުވާލީ މާ ބޮޑު އުންމީދެއް ނެތިއެވެ. ފޯނު ބޭއްވުމުގެ ކުރިން ޝައްކު ކުރެވޭނެ އެއްވެސް އަލާމާތެއް ފެނިދާނެ ކަމަށެވެ. ނަމަވެސް ކަންތަށްވީ އަހަރެން ހީކުރިގޮތާއި މުޅިން ހިލާފަށެވެ. މުނާ އަހަރެންނަށް ބޭވަފާތެރި ވާކަމުގެ އެއްވެސް ހެއްކެއް ނުފެނުނެވެ. ފަހަރުގައި އަހަރެން ފޯނުބަލާފާނެތީ މުނާ ޑިލީޓް ކުރީ ކަމުގައި ވެދާނެއެވެ. ނޫނީ ކުރިން ރާވައިގެން ފޯނުން އެއްވެސް މުއާމަލާތެއް ނުކުރަނީ ކަމުގައި ވެދާނެއެވެ. އަހަރެން އޮފީހުގައި ހޭދަކުރާވަގުތު ގޭތެރޭގައި ކޮންމެ ކަމެއްވިޔަސް އަހަރެންނަކަށް އެނގޭނެ އެއްވެސް ގޮތެއް ނޯއްނާނެއެވެ.
ހަފްތާއެއްފަހެވެ. ޕޯސްޓުން ލިބުނު މެސެޖާއިއެކު އަހަރެން އިނީ އޮފީސް ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. 3 ޖެހުމާއިއެކު އަހަރެން އަވަސްވެގަތީ ޕިކް ޕޯސްޓުން ކެމެރާ ނަގަން ދިއުމަށެވެ. ކެމެރާ ނަގައިގެން ގެޔާއި ދިމާލަށް ސައިކަލު ދުއްވަމުންދިޔައިރު ސައިކަލުގެ ޕިސްޓަންއާއި އެއްވަރަށް އަހަރެންގެ ހިތްވެސް ދިޔައީ ނެގި ނެގިފައި ޖެހެމުންނެވެ. އާމުކޮށް އަހަރެން އޮފީސް ނިންމުމަށްފަހު ގެޔަށް އަންނައިރު ސިޓިން ރޫމުގައި މީހުން ނޫޅޭނެއެވެ. އެހެންކަމުން ކެމެރާ ސެޓަޕް ހަދާލަން މިއީ ރަނގަޅު ވަގުތަކަށް ވާނެއެވެ. ގޭގެ ދޮރު ހުޅުވާލުމަށްފަހު އަހަރެން އެތެރެޔަށް ވަތްއިރު ގޭތެރެ އޮތީ ފަޅަށެވެ. މަޑުމަޑުން ބޭރު ދޮރު ޖެހުމަށްފަހު އަހަރެން އެތެރެޔަށް ވަތްއިރު އަހަރެންގެ ކޮޓަރީގެ ދޮރުހުރީ ހުޅުވާފައެވެ. އެތެރެއިން ކޮންމެސް ބަޔަކު ވާހަކަދައްކާއަޑު އިވެއެވެ.
"ވަގު" ފިޔަވަޅުތަކެއްގައި އަހަރެން ގޮސް ދޮރުކައިރީ މަޑުކޮށްލީ އެތެރެއިން ދައްކާ ވާހަކަ ބޭރަށް ރަނގަޅަށް އިވޭތީއެވެ. "އަހުމަދު! އަހަރެން ދެން ކިހިނެއް ހަދާނީ! " އެތެރެއިން މުނާ ވާހަކަ ދައްކާ އަޑު އިވެއެވެ. " ހަމަ ޖެހިބަލަ ކޮއްކޯ ! އަދި ގޮތެއް ހުހެއްނުވެއެއްނު! ޒަމީރަށް މިހުރިހާކަމެއް އެނގޭތަ?" މުނާގެ ވާހަކައަށް އަހުމަދު ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއަޑު އަހަރެންގެ ހިތް އޮބި ނޯންނަވަރަށް ދިޔައީ ތެޅެމުންނެވެ. މުޅި މީހާ ހުރީ ކެތްމަދުވެ ދާހިއްލާ ފޯވެފައެވެ.
މުނާއާއި އަހުމަދު ދައްކަމުންދިޔަ ވާހަކައިން އަހަރެން ހުރީ ހިތުތެރޭގައި ހިނގަމުންދިޔަ ޖަޒުބާތުތަށް މައިތިރި ކޮށް ބަސްހުއްޓި ގަބުވެފައެވެ. އަތްފައި ގުޑިލަންވެސް ނޭގި ހިލަވެފައެވެ. " ފުރަތަމަ ބޭބީ ބައިގެން ދިޔަފަހުން ޒަމީރަށް ބަދަލު އަންނަންފެށީ! ދެވަނަ ބޭބީ ބައިގެންދިޔަ ހިސާބުން އަހަރެންނާއި މުޅިން ދުރުވެއްޖެ! މުޅި މީހާ ހުންނަނީ އަބަދު ކޮންމެވެސް ފިކުރެއްގަ! އަހަރެންނަށް އެވާހަކަތަށް ދައްކަން މިހުންނަނީ އަދި ނުކެރިފަ! ކޮއްކޮ އާއި މެދުވެސް ޝައްކު ކުރޭ ކަންނޭގެ! ތިއީ އަހަރެންގެ މަންމަޔަކަށްވެސް ބައްޕައަކަށްވެސް ހުރި އަހަރެންގެ ހަމައެކަނި އާއިލާ! އަހުމަދު ކޮޓަރި ފާހާނާ އިސްކުރު ހަލާކުވެގެން އުޅުނު ދުވަހުވެސް ހުރީ އަހަރެން ދެކެ ހިތްހަމަ ނުޖެހިފަކަން ނުބުންޏަސް އަހަރެންނަށް އެނގޭ! އެކަމު އެދުވަހު ސާރވިސް ކޮށްފަ ދިޔަތަނުން ޒަމީރު ގެޔަށް އައީ! އޭނަޔަށް ފެންނާނީ އިސްކުރު ރަނގަޅަށް ހުއްޓާ! ކުރިން ދުވަހުވެސް އަހަރެން އެކޮޓަރި ސާފުކޮށްފަ ރޫމަށް އައިސް ޖައްސާލާފަ ނިކުތްއިރު އެރޫމުން ޒަމީރު ނިކުންނަނީ! ރޭގަ އަހަރެންގެ ފޯނުވެސް ވަރަށް ގިނައިރު ނަގައިގެން ހުރި! އަހަރެން ހޭލެވުނީމަވެސް އޮތީ ނިދާފަ ކަމަށް ހަދައިގެން! އަހަރެން ޒަމީރު ދެކެ އިންތިހާޔަށް ލޯބިވޭ! ދުވަހަކުވެސް ބޭވަފާތެރިއެއް ނުވަން!"
ފާރުގައި ލެނގިލައިގެން އަހަރެން ހުރި އިރު ކޯތާފަތްމައްޗަށް ދިޔައީ ކަރުނަތަށް ބަންޑުން ވަމުންނެވެ. އަހަރެން ގެ ނަފްސުގެ މައްޗަށް ލަދުވެތިވެ ހުރެއެވެ. އަހަރެން މިއީ ރަނގަޅު ފިރިއަކަށް ނުވެވުނުކަމުގެ މައްޗަށް ދެރަވެ ހިތާމަކުރަމުންނެވެ. އަހަރެން އަހަރެންގެ ލޯބިވާ އަނބިމީހާއާއި މެދު ޝައްކުގެ ނަޒަރުން ދެކެވުނީތީ އިންތިހާޔަށް ލަދުގަނެފައެވެ. (ނިމުނީ)
ވާހަކަ ވަރަށް ރީތި
އަސްލު މިހާރު މި ކުށްހީތަކާ ހެދިވެސް ނުލާހިކު ލޯބިން އުޅޭ ދެމަފިރިންވެސް އަދި ލޯބީގެ ގޮތުން ގުޅިގެން އުޅެ އެތަް ދުވަހެއް ވެފަ ތިބޭ ކަޕްލްތައްވެސް ސެޕަރޭޓްވާތަން އާދޭ. ޝައްކަކީ ވަރަށް ނުރައްކާތެރި ބައްޔެއްވިއްޔަދޯ
ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއް