މިހިނގާ މޭ މަހުގެތެރޭ ޔޫއޭއީގެ އަބޫ ދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކަޑަމީ އެވޯޑްސް (އައިފާ) މިއަހަރުގެ ޖުލައި މަހަށް ފަސްކުރެވިފައިވާކަމަށް އައިފާއިން ބުނެފިއެވެ.

މިމަހުގެ 19 އިން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އައިފާގެ 22 ވަނަ އެވޯޑް ހަފްލާ ފަސްކުރެވިފައިވަނީ، ޔޫއޭއީގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން މިދިޔަ ހުކުރު ދުވަހު އަވަހާރަވުމާ ގުޅިގެން އެޤައުމަށް ލިބިފައިވާ ހިތާމާއިގައި ބައިވެރިވުމުގެ ގޮތުންނެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ އިންޑިއާ ޓުޑޭގައި ބުނެފައިވާގޮތުން މިޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ 14 އިން ފެށިގެން 16 ވަނަ ދުވަހާ ހަމައަށް އަބޫ ދާބީގައެވެ.

މިކަން އިއުލާނުކުރުމަށްފަހު އައިފާއިން ކޮށްފައިވާ ޓުވީޓް މެސެޖްގައި މިހިތާމަވެރި ދަނޑިވަޅުގައި އެޤައުމުގެ ރައްޔިތުންނާއެކު ހިތާމައިގައި ބައިވެރިވާކަމަށް އައިފާއިންވަނީ ބުނެފައެވެ. އަދި އެ ޢާއިލާއަށާއި ގާތް ތިމާގެ ފަރާތްތަކަށް ތައުޒިއްޔާގެ މެސެޖެއްވެސް އައިފާއިން ވަނީ ރައްދުކޮށްފައެވެ.

އަބޫ ދާބީގެ ޔާސް އައިލޭންޑްގައި ބާއްވަން ހަމަޖެހިފައިވާ މިޝޯވްއަށް ދިއުމަށްޓަކައި ވަރަށްގިނަ ބަޔަކުވަނީ ތައްޔާރުވެފައެވެ. ޚާއްސަކޮށް މިއީ ކޮވިޑްގެ ބަލިމަޑުކަމަށްފަހު ބޭއްވޭ ބޮޑު އިވެންޓަކަށްވުމުން ގިނަ ބަޔަކު މިޝޯވްއަށް ވަރަށްބޮޑަށް އިންތިޒާރުކުރެއެވެ.

ޝޯވްއަށް ދިއުމަށްޓަކައި ދުރާލާ ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ޓިކެޓްގެ ދުވަސް ބަދަލުކުރުމުގެ އިންތިޒާމް މިހާރު ހަމަޖައްސަމުން އަންނަ ކަމަށާއި މިކަމުގެ ސަބަބުން ދަތިތައް ދިމާވާ ފަރާތްތަކުގެ ކިބައިން އައިފާއިންވަނީ މަޢާފަށް އެދިފައެވެ.

2،000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އައިފާ އެވޯޑް ޝޯވްއަކީ ބޮލީވުޑްގެ ގިނަ ބަޔަކު އެއްތަނަކުން ފެނިގެންދާ ގިނަ ބައެއްގެ މެދުގައި މަގުބޫލު އިވެންޓެކެވެ.

މިފަހަރުގެ އިވެންޓުގެ ހޯސްޓުގެގޮތުގައި ފެނިގެންދާނެކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ އެކްޓަރު ސަލްމާން ޚާންއެވެ.

އައިފާ އެވޯޑް ބާއްވާ ޔަސް އައިލޭންޑަކީ އަބޫދާބީގައި ފާހަގަކޮށްލެވޭ މުނިފޫހިފިލުވައިދޭ ގިނަ ހަރަކާތްތަކެއް ހިމެނޭ ތަނެކެވެ. އޭގެތެރޭގައި ފެންވަރު ރަގަޅު މޮޓޯ ސްޕޯޓްސްތަކާއި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގޯލްފް ކޯސްއެއް ހިމެނެއެވެ.