މިދިޔަ މަހުގެ 22 ވަނަ ދުވަހު ރިލީޒްވި އެކްޓަރު ޝާހިދު ކަޕޫރުގެ ފިލްމު "ޖާޒީ" މިމަހުގެ 20 ވަނަ ދުވަހު ނެޓްފްލިކްސްއިން ބެލޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޝާހިދު ކަޕޫރުގެ އިތުރުން ބަތަލާ މްރޫނަލް ތާކޫރު ފެނިގެންދާ ފިލްމު "ޖާޒީ" އަކީ ސްޕޯޓްސް ޑްރާމާ ފިލްމެކެވެ.

ތެލުގޫ ޑައިރެކްޓަރު ގޯތަމް ތިންނަންނޫރީ އަލަށް ޑައިރެކްޓްކުރާ ހިންދީ ފިލްމު "ޖާޒީ" އަކީ 2019 ވަނަ އަހަރު އޭނާ ޑައިރެކްޓްކުރި ތެލުގޫ ފިލްމު އަސްލަކަށް ބަލައިގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމުގައި ޝާހިދު ކަޕޫރު ފެނިގެންދާނީ ޒުވާން ދުވަސްވަރު ކްރިކެޓްގެ ކުޅިވަރުގައި ބޮޑު ކާމިޔާބީއަކާއި މަގުބޫލުކަމެއް ހޯދުމަށްފަހު ކެރިއަރުގެ ވަކި ހިސާބަކުން އެ ކުޅިވަރާއި ދުރަށް ދިއުމަށްފަހު އަމިއްލަ ދަރިފުޅުގެ ހައްގުގައި ކްރިކެޓްގެ މައިދާނަށް ނުކުންނަ ޒިންމާދާރު ބައްޕައެއްގެ ރޯލުންނެވެ.

2019 އަހަރު ވުޖޫދަށްއައި މިފިލްމު ރިލީޒްކުރުމާ ހަމައަށް އެކި ސަބަބުތަކާއިހެދި ވަނީ ލަސްކުރެވިފައެވެ. އޭގެފަހުން ފިލްމުގެ ކޮޕީރައިޓްސްއާ ދޭތެރޭ ބަޔަކު ތުހުމަތުކުރުމާ ގުޅިގެންވެސް ފިލްމަށް ބޮޑު ޑިލޭއެއްއައެވެ.

"ޖާޒީ" ގެ ތެލުގޫ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބުނުނަމަވެސް ހިންދީ ފިލްމަށް ވިޔަފާރީގެގޮތުން ހީކުރިހާ ބޮޑު ކާމިޔާބީއެއް ހާސިލްކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ފިލްމުގައި ޝާހިދުއާއި އޭނާގެ ބައްޕަ ޕަންކަޖް ކަޕޫރު އަދި ބަތަލާ މްރޫނާލް ތާކުރު ދެއްކި އެކްޓިންގްއަށް ކްރިޓިކުންވަނީ ތައުރީފުކޮށްފައެވެ.

ފިލްމު "ކަބީރް ސިންގް" ގެ އެކްޓަރު ޝާހިދު ކަޕޫރުގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކުގެ ތެރޭގައި، ޕްރޮޑިއުސަރު އަލީ އައްބާސް ޒަފަރުގެ ފިލްމު "ބްލަޑީ ޑެޑީ" އަދި ވެބް ސީރީސް "ފަރްޒީ" ހިމެނެއެވެ.

ވެބް ސީރީސް "ފަރްޒީ" އަކީ އެމޭޒަން ޕްރައިމްއިން ގެނެސްދިން ކާމިޔާބު ސީރީސް "ދަ ފެމިލީ މޭން" ގެ މޭސްތިރިންކަމަށްވާ ރާޖް ނިދީމޮރޫ އާއި ކްރިޝްނާ ޑީ.ކޭގެ އުފެއްދުމެކެވެ.

https://www.youtube.com/watch?v=BT0zd0kmTxM