ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީ) ގެ އެގްޒެކެޓިވް ސެކްރެޓަރީ، ޕެޓްރީޝިއާ އެސްޕިނޯސާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޕިނޯސާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަޝްވަރާތަކުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި މިފަދަ މައްސަލަތަކުގައި ވަކާލާތު ކުރުމުގައި އިތުބާރާއި އިޚްތިޔާރު ލިބިގެންވާ ޤައުމެއް ކަމުގައި ވިދާޅުވިއެވެ.

އަދި ސްކޮޓްލެންޑްގެ ގްލާސްގޯގައި ނިމިދިޔަ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ދިވެހިރާއްޖެއިން އަޑުއުފުލާފައިވާތީ އެކަމަނާ ވަނީ ދިވެހިރާއްޖެއަށް ތަޢުރީފުކުރައްވާ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ކުރީ ސަފުގައި ކުދި ޖަޒީރާ ޤައުމުތަކުން ހަރަކާތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ސާލިހް ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން ރާއްޖެއިން އެންމެ ބޮޑު އިސްކަމެއް ދެނީ މާލީ އެހީތެރިކަން ހޯދުމަށް ކަމަށާއި އެދެވޭ ގޮތެއްގައި ގޮނޑުދޮށްތައް ޙިމާޔަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ދަޢުލަތުގެ ބަޖެޓުގެ ހަތަރު ގުނަ ޚަރަދުކުރަންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ޚަދީޖާ ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޔޫއެންއެފްސީސީގެ އެގްޒެކެޓިވް ސެކްރެޓަރީ ރާއްޖެއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ކްރޮސްރޯޑް މޯލްޑިވްސްގައި މިހާރު ކުރިޔަށްދާ "ގްލާސްގޯ – ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.