އާންމުންނަށް ނޭނގި އެމީހުން ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކުރަމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

އެމައްސަލާގައި ބުނެފައިވަނީ އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން އިތުރުވަމުން ދާތީ އާއި، ގާނޫނާއި ގަވާއިދާ ޚިލާފަށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި "ވާނުވާ ނޭނގި ޕާޓީ ބަދަލުވުން" ފަދަ ކަންކަމުގެ ސަބަބުން އާންމުންނާއި ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ ޝަކުވާތައް އިތުރުވެ، ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

އަދި، ސިޔާސީ ޕާޓީތަކަށް ވަނުމާއި ނުވަނުމާއި ޕާޓީތަކުން ވަކިވުމާއި ވަކިނުވުމާއި، އަދި ޕާޓީ ބަދަލުކުރުން ފަދަ ކަންކަމަކީ އާންމު ފަރުދުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގަކަށްވާއިރު، އާންމުންނަށް ނޭނގި ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 5 ވަނަ މާއްދާއިން ޕާޓީތަކަށް ލިބިދޭ އިމްތިޔާޒުތަކާ ބީރައްޓެހި ކަންކަން ކަމަށް މައްސަލާގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، އެކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އުފެދުމާއި ސިޔާސީ ވަކި ފިކުރެއްގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެހައްގު ގެއްލުމާއި، އެފަރާތްތަކުގެ އިމްތިޔާޒްތަކަށް އުނިކަން ލިބޭފަދަ ކަންކަން ކުރިމަތިވުމާއި ނުހައްގު މާލީ ފައިދާއާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުންދިއުމާއި، މަލްޓިޕާޓީ ސިސްޓަމަށް ރައްޔިތުންކުރާ އިތުބާރު ކުޑަވުމާއި އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް މެމްބަރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.

ދާދިފަހުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން، އިދިކޮޅު ޕީޕީއެމްގެ މެމްބަރުންތަކެއް "ވަގަށް ނެގި" ކަމުގެ ތުހުމަތު ޕީޕީއެމުން ކޮށްފައިވެއެވެ. އަދި، އެމްއާރްއެމްގެ މެމްބަރުންތަކެއް އެޕާޓީގެ މެމްބަރުންނަށް އެނގުމަކާއި ނުލައި އެހެން ޕާޓީތަކުގެ ދަފްތަރުގައި އޮތް މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ. އެޕާޓީތަކުން ވަނީ މިމައްސަލަ އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.