ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ފަށައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ވާރޗުއަލްކޮށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ. ޝާހް ޢަބްދުﷲ މާހިރުއެވެ. މީގެ އިތުރުން ޑިރެކްޓަރ ޖެނެރަލް ފޯ ހެލްތު ސާރވިސަސް ޑރ. އަޙްމަދު އަޝްރަފް އާއި އެސިސްޓަންޓް ޑިރެކްޓަރ ފާތިމަތު ލިމްޔާ ބައިވެރިވެވަޑައިގެންނަވައެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ކަނޑައެޅިފައިވާ ޚާއްސަ މައުޟޫއަކީ 'ދަ ރޯޑް ޓު ކޮވިޑް-19 ރިކަވަރީ - ލެސަން ލާރންޓް ފޯރ ބިލްޑިންގ ހެލްތު ސިސްޓަމް ރެސިލިއަންސް ޓު އެޑްވާންސް ޔުނިވަރސަލް ހެލްތު ކަވަރޭޖް އެންޑް ގްލޯބަލް ހެލްތު ސެކިއުރިޓީ އިން ދަ ކޮމަންވެލްތު'އެވެ.

މި މަޢުޟޫއާ ގުޅިގެން ދިވެހި ރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ.ޝާހް ޢަބްދުﷲ މާހިރު ވަނީ ތަޤްރީރު ކުރައްވާފައެވެ. މި ތަޤުރީރުގައި އެ މަނިކުފާނުވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ދިވެހިރާއްޖެއިން ކުރެއްވި ބުރަ މަސައްކަތާއި، މިފަދަ ކަންކަމުން އަރައިގަތުމަށްޓަކައި އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކާއި މެދު ވާހަކަ ދައްކަވާފައެވެ.

އަދި މީގެއިތުރުން، ކުދި އަދި މެދު ފަންތީގެ ޤައުމުތަކުގެ އިޤްތިޞާދަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ނޭދެވޭ އަސަރުތައް ފާހަގަކޮށް މިފަދަ ކަންކަމުން އަރައި ގަތުމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތި ވެދާނޭ މިފަދަ ކާރިސާ ތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި މި ބައްދަލުވުމުގައި ކުރިއަށްގެންދިޔަ ބްރޭކްއައުޓް ސެޝަންގައި އެހެން ޤައުމުތަކުން ކޮވިޑް-19ގެ ޙާލަތު މެނޭޖްކުރުމަށް އަމަލު ކުރަމުންގެންދާގޮތާއި، ކޮވިޑް-19 ފަދަ ޞިއްޙީ ބޮޑެތި ކާރިސާތަކުގައި ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށްޓައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކޮވިޑް-19ގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އެކި އެކި އަސަރުތަކާއި އޭގެއިން ރައްކާތެރިވުމަށް ޤައުމުތަކުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންތަށް ފަދަ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މިކަންތައްތަކާއި ގުޅޭގޮތުން ރާއްޖޭގެ ފަރާތުންވެސް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

މިބައްދަލުވުމުގައި ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ އިސް ފަރާތްތަކާއި ދެމެދު ސިއްޙަތާއިބެހޭ ގޮތުން މުހިންމު ބައިނަލް އަގުވާމީ މަޝްވަރާތައް ކުރެވޭނެއެވެ. ދެ ދުވަހަށް ކުރިއަށްދާ މިބައްދަލުވުން ނިމިގެންދާނީ މިބައްދަލުވުމުގެ މައުޟޫއާގުޅޭ "މިނިސްޓީރިލް އައުޓްކަމް ސްޓޭޓްމަންޓް"އަށް މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ މެދުގައި އެއްބަސްވެވަޑައިގަތުމަށްފަހުއެވެ.