ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދިރާގުން ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ.

މި ޕެނަލް ޑިސްކަޝަން ބާއްވާފައި ވަނީ ޔުނިވަރސިޓީ އަދި ކޮލެޖް ދަރިވަރުންނަށް މައުލޫމާތުދިނުމަށް ކަމަށް ދިރާގުން ބުނެފައިވެއެވެ.

މި ޕެނަލް ޑިސްކަޝަންގެ ބޭނުމަކީ ޒުވާނުން ބައިވެރިކޮށް، ޑިޖިޓަލް ކޮމިއުނިޓީއެއް ބާރުވެރި ކުރުވައިގެން ރައްޔިތުންގެ ދިރިއުޅުން މުއްސަނދި ކުރުމުގައި އެ ކުންފުނިން އަދާކުރާ ދައުރާ ގުޅޭ ގޮތުން މައުލޫމާތު ދިނުމެވެ.

މިއަހަރުގެ ޓެލެކޮމިއުނިކޭޝަންގެ ދުވަހުގެ ޝިއާރަކީ "އުމުރުން ދުވަސްމީ މީހުންނާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ޑިޖިޓަލް ޓެކްނޮލޮޖީ" އެވެ.

މި ޝިއާރުގެ ދަށުން ވާހަކަ ދައްކަވަމުން އިސްމާއީލް ރަޝީދު ވިދާޅުވީ، ދިރާގުގެ ހުރިހާ ޚިދުމަތަކީ ހުރިހާ އުމުރުފުރަޔަކަށް ވެސް ބޭނުންކުރެވޭ ގޮތަށް އަދި ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ދިރިއުޅުން މުއްސަނދި ކުރުމަށް މަގުފަހިކޮށްދޭ ޚިދުމަތެއްކަން ދިރާގުން ކަށަވަރުކުރާ ކަމަށެވެ.

ދަރިވަރުންނަކީ މުސްތަގުބަލު ބައްޓަން ކުރުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ކުރާނެ، މުސްތަގުބަލުގެ ލީޑަރުން ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށް ދިރާގުން ބުނެފައިވެއެވެ.

ޕެނެލް ޑިސްކަޝަންގައި ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސްއަދާއި ޗީފް ފައިނޭންސް އޮފިސަރު ރޮބިން ވޯލް އަދި ކޯޕަރޭޓިވް އޮފިސަރު އާތިފާ އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިރާގު ހެޑް އޮފީހުގައި ކުރިއަށް ދިޔަ މި ޕެނެލް ޑިސްކަޝަންގައި ވާހަކަ ދެއްކެވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދާއި ކުންފުނީގެ އެހެން ބައެއް އިސް ވެރިންނެވެ. މިޑިސްކަޝަން މޮޑަރޭޓްކުރެއްވީ ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސްގެ ސީނިއާ މެނޭޖަރު މިރުޝާން ހަސަންއެވެ.