މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަކީ މަތީ ފަންތީގެ ކުންފުންޏަކަށް ވީ ނަމަވެސް، މާލޭގެ ހުޅަނގު ދެކުނުގައި އޮންނަ ޓީޖެޓީން ބިމު ކުލީގެ ގޮތުގައި، މާލޭ ސިޓީ ކައުންސިލަށް ދޭން ކައުންސިލުން ހުށަހެޅި އަގުތަކަށް އެ ކުންފުނިން އެއްބަސްނުވި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު ޑރ. މުއިއްޒު މި ފަދައިން ވިދާޅުވީ، "ވީނިއުސް"އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެމްޕީއެލުން ހުށަހެޅި އަގަށް އެތަނުން ކުއްޔެއް ނެގުމަށް ސިޓީ ކައުންސިލުން އެއްބަސްވެފައި ނުވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި އެކުންފުނިން ބުނާ ގޮތުގައި، މާލޭ ސިޓީ ކައުންސިލުން ބޭނުން ވަނީ ކުލީގެ ގޮތުގައި ބޮޑު އަދަދެއް އަތުލާށެވެ.
އެމްޕީއެލްގެ މި ވާހަކަތަކާއި ގުޅިގެން "ވީނިއުސް" އިން ސުވާލުކުރުމުން ޑރ. މުއިއްޒު ވިދާޅުވީ، ޕޯޓްގެ ބިންތަކަކީ މާލޭ ސިޓީ ކައުންސިލްގެ މިލްކެއް ކަމަށެވެ.
އެ ތަންތަން ކުރީގެ ސަރުކާރުގައި [ރައީސް ޔާމީންގެ ސަރުކާރުގައި] އެމްޕީއެލްއާ ވަގުތީ ގޮތުން ހަވާލުކުރީ ތިން އަހަރުގެ އެމްއޯޔޫއެއްގެ ދަށުން ނަމަވެސް މުއްދަތު ފަހަނައަޅައި ދިޔަތާ ހައެއްކަ އަހަރުވެފައިވާތީ އެއްބަސްވުމުގެ އަސްލު ވަނީ ނެތިގެން ގޮސްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. މުއިއްޒު މިފައިން ވިދާޅުވިއިރު، ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ، އެމަނިކުފާނު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރުކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން، ޕޯޓްގެ ބާރުވެރި ފަރާތަކީ މިހާރު ސިޓީ ކައުންސިލެވެ. އެހެންވެ، މާލޭގެ މީހުންނަށްޓަކައި އެތަނުން އާމްދަނީ ލިބޭނެ ގޮތެއް ހޯދަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރު ސިޓީ ކައުންސިލާ ހަވާލުކުރުމަށް އެމްޕީއެލުން ދެކޮޅު ހެދުމުން ދެން އެދިވަޑައިގަތީ އެތަނުން ލިބޭ އާމްދަނީން ބައެއް ނުވަތަ ކުއްޔެއް ކައުންސިލަށް ލިބޭ ގޮތަށް ބަދަލުކުރަން ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެކުންފުނިން އަކަފޫޓަކަށް ހުށަހަޅަނީ ކުޑަ އަގެކެވެ.
ނަމަވެސް، އެއީ ކޮމާޝަލް ބިންތަކެއް ކަމަށާއި އެތަނުން އެމްޕީއެލަށް ބޮޑު އާމްދަނީއެއް ވެސް ލިބޭއިރު، އެ އާމްދަނީން ބައެއް މާލޭގެ މީހުންނަށް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މާލޭ ސިޓީގެ މޭޔަރު ވިދާޅުވީ، ސިޓީ ކައުންސިލުން އެމްޕީއެލަށް ހުށަހެޅި ރޭޓަކީ ބޮޑު އަގެއް ނޫނެވެ. އެއީ ކޮމާޝަލް ރޭޓްތަކުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓްތަކުގެ އެންމެ މަތީ އަދަދުން ދެބައިކުޅަ އެއްބައި ކުޑަ އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނާ ގޮތުގައި އެ އަދަދު ކަނޑައަޅާފައި ވަނީ އެމްޕީއެލްގެ އާމްދަނީއާ ގުޅޭ މައުލޫމާތުތައް އެއްކުރުމަށް ފަހުއެވެ.