ދިވެހި ސަރުކާރުގެ ނަމުގައި ކުރާ ކޮންމެ ކަމެއް ކުރަމުންދަނީ ދިވެހި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކަމަށާއި، އެއީ ވަކި ޕާޓީއެއްގެ ސިޔާސަތު ނޫން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވަނީ ސަރުކާރަށް ބައެއް ކަންކަން ނުކުރެވި ވަނީ އެ ސިޔާސަތު ތަކަކީ އެމްޑީޕީގެ ސިޔާސަތުތަކަށް ވުމުންތޯ އައްސަވާ މިނިސްޓަރާ ސުވާލު އަމާޒު ކުރައްވާފައެވެ.

މެމެބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހި ސަރުކާރުން ތަންފީޒްކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

ދިވެހި ސަރުކާރުން ތަންފީޒް ކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތު. އެހެންވީމަ ދިވެހި ސަރުކާރުގެ ނަމުގައި ކުރާ ކޮންމެ ކަމެއް ކުރަމުންދަނީ ދިވެހި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް. އެއީ ވަކި ޕާޓީއެއްގެ ސިޔާސަތެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއީ އެމްޑީޕީވެސް ހިމެނޭގޮތަށް އުފެދިފަ އޮތް ކޯލިޝަން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރަމުން މިދަނީ.
ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ކަންކަން ހިނގަމުންދާނީ ސިޔާސަތުތައް ތަންފީޒްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އަންގަވާގޮތަށް ކަމަށެވެ. އަދި ސަރުކާރުން ތަންފީޒްކުރަމުން ގެންދަނީ ރައީސް ސާލިހްގެ ރުހުން ލިބިވަޑައިގެން ހިންގާ ސިޔާސަތުތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ހުސެއިން ރަޝީދު ނިސްބަތްވެވަޑައިގަންނަވަނީ ސަރުކާރު ހިންގާ ކޮލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށެވެ.