21 ވަނަ ގަރުނުގެ ތެރޭގައި ފުޓުބޯޅައިގައި އެންމެ ގިނަ ހެޓްރިކް ކާމިޔާބުކުރި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގައި ރާއްޖޭގައި އުދެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހިމެނިއްޖެއެވެ.

މިކަން ހާމަވީ، ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައި.އެފް.އެފް.އެޗް.އެސް) އިން އާންމުކޮށްފައިވާ 21 ވަނަ ގަރުނުގައި އެންމެ މަތީ ފަންތީގެ ފުޓުބޯޅަ މެޗުތަކުގެ ތެރެއިން އެންމެ ގިނަ ހެޓްރިކް ހަދާފައިވާ ކުޅުންތެރިން ދެނެގަނެ، އެ ކުޅުންތެރިންގެ ނަންތައް އާންމުކުރުމުންނެވެ. މި ލިސްޓުގައި 22 ކުޅުންތެރިއެއްގެ ނަން ހިމަނާފައިވެއެވެ. އައި.އެފް.އެފް.އެޗް.އެސް އަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އިންވެސް ބަލައިގަނެ، އެހީތެރިކަން ފޯރުކޮށްދޭ ފެޑެރޭޝަނެކެވެ. އެހެންނަމަވެސް މިއީ ފުޓުބޯޅައިގެ ރަސްމީ އެއްވެސް ގަވާނިންގ ބޮޑީ އެއްގެ ހިއްސާދާރެއް ނޫނެވެ.

އައި.އެފް.އެފް.އެޗް.އެސް އަކީ، ފުޓުބޯޅަ ކުޅުންތެރިން ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކާއި، އެކުޅުންތެރިން ކުޅެފައިވާ މެޗުތަކުގެ އަދި މެޗުގައި ކާމިޔާބު ކޮށްފައިވާ ލަނޑުތަކާއި، ކޮށްދީފައިވާ އެސިސްޓުތަކުގެ އިތުރުން ފުޓުބޯޅަ އާއި ގުޅުންހުރި އެހެން ތަފާސްހިސާބުތައް ހޯދުމާއި، އެ މައުލޫމާތު އާންމުކުރުމުގެ އިތުރުން، ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑުވެސް ދެމުން އަންނަ ފެޑެރޭޝަނެކެވެ.

އައި.އެފް.އެފް.އެޗް.އެސްގެ ތަފާސްހިސާބުތަކުން ބުނާގޮތުން މި ގަރުނުގައި އެންމެ ގިނަ ހެޓްރިކް ހަދާފައިވަނީ މިހާރު މެންޗަސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން އަދި ގޯލް މެޝިން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް 60 ހެޓްރިކް ހަދާފައެވެ. މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ މެންޗަސްޓަރ ޔުނައިޓެޑަށް ކުޅެމުންވެސް ރޮނާލްޑޯ ވަނީ މި ސީޒަނުގައި ދެ ހެޓްރިކެއް ހަދާފައެވެ. އެއީ ޓޮޓެންހަމް ހޮޓްސްޕަރ އާއި ނޯވިޗް ސިޓީ އާއި ދެކޮޅަށް ހެދި ހެޓްރިކެވެ.

ރޮނާލްޑޯގެ ހެޓްރިކް ތަފާސްހިސާބަށް ބަލާލާއިރު، ޔުނައިޓެޑުގެ ޖާޒީގައި ރޮނާލްޑޯ ވަނީ ތިން ހެޓްރިކް ހަދާފައެވެ. ޔުވެންޓަސްގެ ޖާޒީގައިވެސް 3 ހެޓްރިކް ރޮނާލްޑޯ ހަދާފައިވާއިރު ޕޯޗުގަލްގެ ގައުމީ ޓީމާއެކު ރޮނާލްޑޯ ވަނީ 10 ހެޓްރިކް ހަދާފައެވެ. އެންމެ ގިނަ ހެޓްރިކް ރޮނާލްޑޯ ހަދާފައިވަނީ ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރުއެވެ. އެކުލަބާއެކު 44 ހެޓްރިކް ރޮނާލްޑޯ ހަދާފައިވެއެވެ.

ލިސްޓުގެ ދެވަނައިގައި ހެމެނެނީ ރޮނާލްޑޯ އާއި ވާދަވެރި، ޕީއެސްޖީ އާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެވެ. މެސީ ވަނީ ކެރިއަރުގައި 55 ހެޓްރިކް ހަދާފައެވެ. މީގެތެރޭގައި ގައުމީ ޓީމާއެކު ކާމިޔާބުކުރި 7 ހެޓްރިކް ހިމެނެއެވެ.

ލިސްޓުގެ ތިންވަނައިގައި އޮތީ ރާއްޖެއާއި ސައުތު އޭޝިއާ ސަރަހައްދުގެވެސް ފުޓުބޯޅައިގެ އެންމެ ވިދުންގަދަ ތަރި އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އައި.އެފް.އެފް.އެޗް.އެސް އިން ހާމަކޮށްފައިވާ ގޮތުގައި ދަގަނޑޭ ވަނީ މި ގަރުނުގައި 35 ހެޓްރިކް ހަދާފައެވެ. ދަގަނޑޭ އަކީ ސައުތު އޭޝިއާ ސަރަހައްދުން މި ލިސްޓުގައި ހިމެނޭ ހަމައެކަނި ކުޅުންތެރިޔާއެވެ. އަދި އޭނާ އަކީ މި ލިސްޓުގައި ހިމެނޭ އޭޝިއާ ސަރަހައްދުގެ ކުޅުންތެރިންގެ ތެރެއިން އެންމެ މަތިން ރޭންކު ކުރެވިފައިވާ ކުޅުންތެރިޔާއެވެ.

އައި.އެފް.އެފް.އެޗް.އެސް އިން އެކުލަވާލާފައިވާ 22 ކުޅުންތެރިންގެ ލިސްޓުގައި އޭޝިއާ ބައްރުގެ 5 ކުޅުންތެރިއަކު ހިމެނެއެވެ. އެއީ ޔޫއޭއީގެ ދެ ކުޅުންތެރިއަކާއި ސިންގަޕޫރުގެ ކުޅުންތެރިއެއްގެ އިތުރުން ސީރިއާ ކުޅުންތެރިއެއް އަދި ރާއްޖެއިން ދަގަނޑޭއެވެ.

ދަގަނޑޭ ކެރިއަރުގައި ހަދާފައިވާ ހެޓްރިކް ތަކުގެ ތެރޭގައި ގައުމީ ލީގުގައި ކާމިޔާބުކުރި 21 ހެޓްރިކާއި، ނޭޝަނަލް ކަޕްތަކުގެ މެޗުތަކުގައި ކާމިޔާބު ކޮށްފައިވާ 6 ހެޓްރިކް އަދި ބައިނަލްއަގްވާމީ ކްލަބް މުބާރާތްތަކުގައި ކާމިޔާބު ކޮށްފައިވާ 3 ހެޓްރިކުގެ އިތުރުން ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފައިވާ 5 ހެޓްރިކް ހިމެނެއެވެ.

އެއް މެޗެއްގައި ތިން ލަނޑު ނުވަތަ އެއަށްވުރެ ގިނަ ލަނޑު ދަގަނޑޭ ކާމިޔާބު ކޮށްފައިވާ ގޮތަށް ބަލާލާއިރު، ހަމައެކަނި 3 ލަނޑާއެކު ދަގަނޑޭ ހެޓްރިކް ފުރިހަމަކުރީ 17 މެޗެއްގައެވެ. ދަގަނޑޭ ވަނީ 10 މެޗެއްގައި 4 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި 6 މެޗެއްގައި 5 ލަނޑު ކާމިޔާބު ކޮށްފައިވެއެވެ. މީގެއިތުރުން ދެ މެޗެއްގައި ވަނީ 6 ލަނޑުވެސް ކާމިޔާބު ކޮށްފައެވެ. ދަގަނޑޭ އަކީ އެއް މެޗެއްގައި 6 ލަނޑު އެންމެ ގިނައިން ކާމިޔާބު ކުރި ކުޅުންތެރިޔާއެވެ.