ހިޔާ ފްލެޓްތަކުގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށް ސްޓެލްކޯއިން ދިޔައިރު އެ ތަނުގެ ކަރަންޓް ވަޔަރުކޮށްފަ ހުރީ އެއްގޮތަކަށްވެސް އެ ކުންފުނިން ގަބޫލުކުރާ ފެންވަރުގަ ނޫން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އަލަށް އާބާދުވަމުން އަންނަ ހުޅުމާލެ ފޭސް ދޭކުން ދޭތެރެ ދޭތެރެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ކަމުގެ ޝަކުވާއަކީ ހިޔާ ފްލެޓްތަކުގަ ދިރިއުޅޭ ރައްޔިތުން ކުރަމުން އަންނަ ޝަކުވާއެކެވެ.

ހިޔާ ފްލެޓްތަކުގެ ކަރަންޓާއި ގުޅޭގޮތުން ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ވިދާޅުވީ އެތަނުގެ ކަރަންޓުގެ ހާލަތު އިންސްޕެކްޓް ކުރުމަށް ސްޓެލްކޯއިން ދިޔައިރު އެތަނުގެ ކަރަންޓް ވަޔަރުކޮށްފަ ހުރީ އެއްގޮތަކަށްވެސް އެ ކުންފުނިން ގަބޫލުކުރާ ފެންވަރުގަ ނޫން ކަމަށާއި ބޭނުންކޮށްފަ ހުރި ނެޓްވޯކަކީވެސް ގަބޫލުކުރެވޭ ފަންވަރުގެ ތަކެތި ނޫން ކަމަށެވެ.

ހިޔާ ފްލެޓްތަކަށް މީހުން ވަދެ މަރާތުތައް ކުރަން ފެށީމަ ކިރިޔާ ޝޯޓެއް ވިޔަސް މުޅި ބިލްޑިންގުން ކަރަންޓް ކަނޑައިގެންދޭ. އެހެންވެގެން އަޅުގަނޑުމެން ސާވޭ ކުރުމަށް ފަހުގަ އެކަން އެހެން ނުވާނެ ގޮތަކީ ކޮބައިތޯ ބަލާފަ މިހާރު ހިޔާ ފްލެޓްތަކުގަ އަޅުގަނޑުމެން ވާނީ ކޮންމެ ބިލްޑިންގެއް އަދި ކޮންމެ ފްލޯއެއް ދެ ވިންގަކަށް ބަހާފަ. މިހާރު ކަރަންޓް ދާ ކަމަށްވާނަމަ ދާނީ ފްލޯއެއްގެ އެއް ވިންގުން."
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު

ޝަރީފް ވިދާޅުވީ ފްލެޓްތަކުގައި ހަރުކޮށްފަ ހުރި ސުވިޗްތަކަކީ ސެންސިޓިވް ކުޑަ ސުވިޗްތަކެއް ކަމަށްވުމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރާނެ ވާހަކަ ފްލެޓްތަކުގަ ދިރިއުޅޭ ރައްޔިތުންނަށް އަންގާފައިވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެކަމަށްވެސް ހައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް އޮޕަރޭޝަނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ގްރިޑުގައި ފޯލްޓެއް ހުރިކަން ކުރި ދިރާސާއަކުން ފާހަގަވެފައިވާ ކަމަށާއި އެ ފޯލްޓް މީގެ ކުރިން ފާހަގަކުރެވިފައިނުވާ ކަމަށެވެ.

އެހެންނަމަވެސް ބޭރުގެ ކޮންސަލްޓެންޓެއް ހޯދައިގެން އެ ފޯލްޓް އައިޑެންޑިފައި ކުރުމުގެ މަސައްކަތްތައް އެބަކުރަން. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގަ މިސާލަކަށް ގްރިޑަށް އާތް ލީކެއް އަތުވެއްޖެނަމަ ވަކި ސަރަހައްދަކުން ކަރަންޓް ދާންޖެހޭނީ. މުޅި ނެޓްވޯކްގަ ގުޅާފަ ހުރި ހުރިހާ ތަނަކުން ކަރަންޓް ގޮސްގެންނުވާނެ."
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު

ދާއިމީ ގޮތެއްގައި ކަރަންޓް ލިބިދިނުމަށްޓަކައި ވަރަށް ބޮޑު މަސައްކަތެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ 2023ގެ ނިޔަލަށް 70 މެގަވޮޓްގެ އިތުރު ޕްލާންޓެއް ހުޅުމާލޭގައި ގާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.