ޓީޗަރުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން ވިލާ ކޮލެޖުން ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ދިރާސާ ޕްރޮޖެކްޓުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ދިރާސާ އަމާޒުކުރަނީ ވަސީލަތްތައް މަދު ގައުމުތަކުގެ ޓީޗަރުންނަށް ދިމާވާ ގޮންޖެހުންތައް ހޯދުމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިފްތިތާހު ކުރި މި ޕްރޮޖެކްޓް އިސްކޮށް ހިންގުމުގައި ހަރަކާތްރިވަނީ ވިލާ ކޮލެޖުގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. އައިޝަތު ނަޝީދާއެވެ.
މި ދިރާސާގެ ފުރަތަމަ ބައްދަލުވުމުގައި މުސްތަގުބަލުގައި ހިންގުމަށް ރާވާ ހަރަކާތްތަކާއި، ލޭންޑްސްކޭޕް މެޕިން އިން ހޯދިފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން، ޓީޗަރުން ތަމްރީނު ކުރުމުގެ ނިޒާމު ރާވައި ހިންގާގޮތާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު ކުރިއަށްދާ ގޮތް ދެނެގަތުމަށް ހެދި ލޭންޑްސްކޭޕް މެޕިން ރިޕޯޓެއް ވެސް އެ ކޮލެޖުން މިހާރު ވަނީ އާންމުކޮށްފައެވެ.
މިއީ އިންޑިއާގެ ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސަސް އަދި ސްވީޑިޝް ކޮމިޓީ އޮފް އަފްގާނިސްތާން އާ ގުޅިގެން ވިލާ ކޮލެޖުން އިސްވެ ކުރިއަށް ގެންދާ ދިރާސާއެކެވެ. މިއަށް ޚަރަދުކުރަނީ ކެނަޑާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު ރިސާޗު ސެންޓަރާއި ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން ރިސާޗް އެންޑް އިނޮވޭޝަނުންނެވެ.
އަފްގާނިސްތާނާއި ނޭޕާލް އަދި ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކުން މި ދިރާސާގައި ބައިވެރިވެފައިވެއެވެ. މި ގައުމުތަކުގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ދާއިރާ އަދި އެ ދާއިރާގައި ހަރަކާތްތެރިވާ މުދައްރިސުންނަށް ކުރިއަށް ދިޔުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް މި ދިރާސާއާ އެކު އެނގިގެންދާނެއެވެ.
އެގޮތުން، ސަގާފީ ގޮތުންނާއި ގައުމުތަކުގެ ޖިއޮގްރަފީގެ ގޮތުން އަދި އެހެނިހެން ނާޒުކު މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ މިންތީގެ މައްސަލަތަކާއި، ޝާމިލްކުރުމާ ގުޅޭ މައްސަލަތަކުގެ އިތުރުން އެހެނިހެން މައްސަލަތަކަށް ވެސް މި ދިރާސާއިން ހައްލު ހޯދަން ވަނީ އަމާޒު ހިފާފައެވެ.