ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިން ހިންގާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ "އިންޑިއާ އައުޓް" ގެ ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ޤައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީ އެހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ އުމުރުން 48 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޕީޕީއެމްގެ އެކްޓިިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) އެވެ.
މި ދެމީހުންނަކީ "އިންޑިއާ އައުޓް" ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ދެ މީހުންނެވެ.
އިދިކޮޅުގެ މި ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ކަނޑައަޅައި މި ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ ގަރާރެއް ނެރުއްވާފައެވެ. އެއަށްފަހު ފުލުހުން ވަނީ މާލެ އާއި ރަށްރަށުގައި ސީދާ ގޮތުންނާއި ނުސީދާގޮތުން "އިންޑިއާ އައުޓް" ހަރަކާތް ޕްރޮމޯޓްވާ ބެނާ ފަދަ ތަކެތި ނަގަމުންނެވެ.