މި އަހަރުގެ ކުރީކޮޅު ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ދިވެހި ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު އަށް ދައުލަތުން ކުރާ ދައުވާތަކާއި ގުޅުން ހުރި ލިޔެކިއުންތައް ނުލިބޭތީވެ މިއަދު އޮތް ޝަރީއަތުގެ އަޑުއެހުން ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ހާއްސަ ގާނޫނުގެ ދަށުން ފަސް ދައުވާއެއް އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހޫދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އަލްއުސްތާޒާ އައިޝަތު ޝީނާ މުހައްމަދުއެވެ.

އޭނާގެ މައްޗަށް ކުރަނީ، އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާއާއި އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ޝީނާ ވިދާޅުވީ ހޫދަށް ކުރާ ދައުވާއާ ގުޅުން ހުރި އެއްވެސް ލިޔެކިއުމެއް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި މިއަދު ހޫދުުގެ ވަކީލެއްގެ ގޮތުގައި ހަމަޖެހުމާއެކު ލިޔެކިއުންތައް ދިނުމަށް މިއަދު އެދުނިން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ޣާޟީ މުހައްމަދު މިސްބާހް ހޫދުއާ ސުވާލު ކުރުމުން ދައުވާއާ ގުޅިގެން ހުންނަ ލިޔެކިއުންތަކަކީ ކޮބައި ކަމާއި ލިޔެކިއުމެއް އޮންނަ ކަމެއް ވެސް އޭނާއަށް ނޭނގޭ ކަމަށެވެ.

އެހެންވެ ޣާޟީ މުހައްމަދު މިސްބާހް ވިދާޅުވީ ޝަރީއަތަށް ހުށަހަޅާފައިވާ ދައުވާ ފޯމުތަކުގެ ސެޓް ދިފާއަށް ކޯޓުން ދޫކުރަން ކޯޓުގެ އިދާރާއަށް އަންގަވާނެ ކަމަށެވެ.

އޭގައި ލިޔެކިއުމެއް މަދުވާނަމަ އެ ކަން ކޯޓުގެ އިދާރާއާ މުއާމަލާތް ކުރުމަށް ގާޒީ އިލްތިމާސް ކުރެއްވިއެވެ.

ދެން އަޑުއެހުމެއް ބާއްވާނީ ހޫދުގެ ވަކީލަށް ލިޔެކިއުންތައް ލިބުމުން ކަމަށް ޣާޟީ މުހައްމަދު ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވިއެވެ.

ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް އަދި ކަނޑަނާޅައެވެ.