ފުލުހުންގެ ހިދުމަތާ ގުޅެން ބޭނުންވާ ޒުވާނުންނަށް "އޯޕަން ޑޭ" އެއް އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.

މި އޯޕަންޑޭ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު ނޭޝަނަލް ކޮލެޖް އޮޕް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގައި މެންދުރު ފަހު 3:00 އިން 6:00 އާ ހަމައަށެވެ.

އޯޕަންޑޭގައި ފުލުހުންގެ މަސައްކަތުގެ ދާއިރާތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އޭގެތެރޭގައި އޮޕަރޭޝަނަލް ދާއިރާ، ފޮރެންސިކް، އިންވެސްޓިގޭޝަން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިން، އެކައުންޓިން އެންޑް ފައިނޭންސް އަދި އިންފްރާސްޓްރަކްޗާ އެންޑް ޕްރޮޖެކްޓު މެނޭޖްމެންޓް ހިމެނެއެވެ.

ފުލުހުން ބުނީ އޯލެވެލް ފުރިހަމަކޮށްފައިވާނަމަ އޯޕަންޑޭގައި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ވަޒީފާއަށް ކުރިމަތިލާން އައިޑީ ކާޑު އަދި ތައުލީމީ ސެޓްފިކެޓްތައް ބޭނުންވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޯޕަން ޑޭ އާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3034455 އަށްގުޅުވެގައިގެން މައުލޫމާތު ސާފުކުރުމަށް ފުލުހުން ބުނެއެވެ.