ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހުރަސްއަޅާ ކަމަށާއި، އެކަން ކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމުގެ ނިޔަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިދިކޮޅު ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މެމްބަރު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ދައުރުގައިވެސް މަޖިލީހުގައި ކުރާނެ މަސައްކަތްތަކެއް ނެތުމުން ޖަލްސާތައް އަވަހަށް ނިންމާލާފައިވާ ކަމަށާއި، ރައްޔިތުން ކަންބޮޑުވާ ބައިވަރު މައްސަލަތަކެއް ގައުމުގައި ހުރިނަމަވެސް، ސަރުކާރުން ގަސްތުގައި މަޖިލިސް ހިޞާރުކޮށްފައިވާ ކަމަށެވެ.

އަދި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އިދިކޮޅުން އެތައް މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށާއި، ގާނޫނުގެ ގޮތުގައި ވުޖޫދުކުރަންޖެހޭ ބޮޑެތި ބިލްތައް ހުރިއިރު، އޭގެތެރޭގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީންވެސް ނިންމަންޖެހޭ ބައިވަރު މަސައްކަތް އެބަހުރި ކަމަށް މެމްބަރު ވިދާޅުވިއެވެ.

ނަމަވެސް، ސަރުކާރުން ރާވައިގެން މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅައި، މަޖިލީސް ހުއްޓުވަން މަސައްކަތްކުރާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

މިކަމަކީ، މަލްޓިޕާޓީ ޑިމޮކްރެސީގެ ރީތި ހަމަތަކާ ޚިލާފުކަމެއްކަން ފާހަގަކޮށް، އިދިކޮޅުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

މިއީ މަލްޓިޕާޓީ ޑިމޮކްރަސީގެ ހަމަތަކާ ޚިލާފް، ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ކުރަމުންދާ، ހިންގަމުންދާ ވަރަށް ޒިންމާދާރުކަން ކުޑަ، ހަޑިހުތުރު އަމަލެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަން. ސަރުކާރުން މިގޮތަށް މިކަން ކުރަމުން ދިޔަކަމުގައި ވިޔަސްވެސް، އަޅުގަނޑުމެން ކުރިންވެސް ދެންނެވި ފަދައިން އޮޕޮޒިޝަންގެ ޕީޖީ ގްރޫޕްގެ އަޑު ރައްޔިތުންނަށް އިއްވަމުން ގެންދާނަން. މަޖިލިސްގެ ފްލޯގައިވެސް އަޅުގަނޑުމެން އެފުރުސަތު އިރާދަކުރެއްވިއްޔާ ފަހިކުރަމުން ގެންދާނަން. އަޅުގަނޑުމެން މިތިބީކީ ރައްޔިތުންގެ އަޑުތައް އިއްވުން ހުއްޓުވޭނެ ގޮތަކަށް ސަރުކާރުން ކޮންމެ ރޭވުމެއް ރޭވިކަމުގައި ވިޔަސްވެސް، އެކަމަށް އަޅުގަނޑުމެން ފުރުސަތު ދޭކަށް ނޫން.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު

މެމްބަރު ވިދާޅުވީ، މަޖިލިސް ހިޞާރުކޮށް، މަޖިލީހުގެ ބާރު ކަނޑުވާލާފައި އޮތުމުން، އެންމެ ފުރިހަމަ ނަތީޖާ ނެރެވޭނެ ޖާގަ ނެތް ކަމަށާއި، ހިޔާ ފްލެޓު ޕެޓިޝަން ފަދަ އެތައް ދުވަހެއް ވެފައިވާ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅުންހުރި މައްސަލަތައް ކޮމިޓީތަކުގައި އެބަހުރި ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މީގެއިތުރުން، ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، ނަހަމަގޮތުގައި ދައުލަތުގެ މުދާ ބޭނުންކޮށްފައިވާ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންޒާރުދިން މައްސަލަ ފަދަ ސީރިއަސް މައްސަލަތައް ހުށަހަޅާފައިވީނަމަވެސް، އެކަންކަމަށް އެއްވެސް އަހައްމިއްޔަތުކަމެއް ދީފައިނުވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، މިހުރިހާ ކަމަކަށް ބަލާއިރު، ކޮމެޓީތަކުގެ މަސައްކަތްތައްވެސް ކުރިއަށް ދަނީ ސަރުކާރުގެ ނުފޫޒުގެ ދަށުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް، މިފަދަ ކަންތައްތަކުގެ ޖަވާބު ރައްޔިތުން ބޭނުންވާ ކަމަށާއި، އިދިކޮޅުން ރައްޔިތުންގެ އަޑު އިއްވުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.