މައުލޫމާތު ހޯދައި ލިބިގަތުމުގައި ބޭނުންކުރުމަށް "މަހޯލި ޕޯޓަލް"ގެ ނަމުގައި އޮންލައިން ޕޯޓަލެއް އިންފޮމޭޝަން ކޮމިޝަނުން ތައާރަފްކޮށްފިއެވެ.

މި ޕޯޓަލް ރަސްމީކޮށް ތައާރަފްކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދުއެވެ.

ޕޯޓަލް އިފްތިތާހްކޮށްދެއްވާ ވާހަކަ ދައްކަވަމުން އާހިދު ވިދާޅުވީ މި ޕޯޓަލްއަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ހުށަހެޅުމަށް ވީހާވެސް ފަސޭހަ މަގެއް ހޯދައިދިނުމުގެ މަގްސަދުގައި ތައާރަފްކުރި ޕޯޓަލެއް ކަމަށެވެ.

އަދި މައުލޫމާތެއް ހޯދަން ދައުލަތުގެ އިދާރާއެއްގައި އެދުމުން އެ މައުލޫމާތެއް ވީހާވެސް ފަސޭހަގޮތެއްގަ އެދުނު ފަރާތްތަކަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހަދައިދިނުން ކަމަށްވެސް އާހިދު ވިދާޅުވިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމަކީ ގާނޫނު އަސާސީން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފައިވާ ހައްގެއް. ބައިނަލްއަގްވާމީ މިންގަނޑުތަކަށް ބަލާނަމަ މައުލޫމާތު ހޯދުމަށް ހުށަހަޅާއިރު އެކަން ވާންޖެހޭނެ އެއްވެސް އުނދަގޫތަކެއް ނެތި ވީހާވެސް ފަސޭހަގޮތަކަށް އާންމުންނަށް ކުރެވޭނެ ކަމަކަށްވާންޖެހޭނެ. ރާއްޖެއަކީ ވަރަށް ޑިޖިޓަލް އެކްސެސް އޮތްތަނެއް. އެހެންވުމާއެއްކޮށް އަޅުގަނޑުމެންގެ މަގްސަދަކީ އޮންލައިންކޮށްވެސް މައުލޫމާތު ހޯދޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން."
އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު

"މަހޯލި ޕޯޓަލް" ބޭނުންކުރުމަށްޓަކައި Mahoali.com ލިންކަށް ވަނުމަށްފަހު ރެޖިސްޓަރ ވާންޖެހޭނެއެވެ.

މުއައްސަސާތަކުން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށްވެސް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.

އަދި ދައުލަތުގެ އިދާރާތަކަށް މައުލޫމާތަށް އެދި ހުށަހަޅެމުން އެ އިދާރާއަކުން މައުލޫމާތު ދިނުމަށް އިންކާރުކޮށްފިނަމަ ނުވަތަ ދިން މައުލޫމާތާމެދު ހިތްހަމަ ނުޖެހިއްޖެނަމަ މުރާޖާ ކޮމެޓީއަށް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މީގެ އިތުރުން ދައުލަތުގެ އިދާރާތަކުން މައުލޫމާތު ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަށް ހުށަހަޅާ ޝަކުވާ ނުވަތަ އިލްތިމާސް ހުށަހެޅުމުގެ ނިޒާމުވެސް މި ޕޯޓަލް މެދުވެރިކޮށް ވަނީ ހަމަޖެހިފައެވެ.

އިދާރާއަކަށް މައުލޫމާތައް އެދި ހުށަހަޅއިގެން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް ޖަވާބެއް ދީފައިނުވާނަމަ ސީދާ އިންފޮމޭޝަން ކޮމިޝަނަށް ޝަކުވާއެއްގެ ގޮތުގައި ޕޯޓަލް ތެރޭން ހުށަހެޅޭނެ ކަމަށް އާހިދު ވިދާޅުވިއެވެ.

އާހިދު ވިދާޅުވީ 50ހަށް ވުރެ ގިނަ އިދާރާތަކަށް ޕޯޓަލް މެދުވެރިކޮށް މައުލުމާތު ހޯދާ ލިބިގަތުމަށް އެދެވޭނެ ކަމަށާއި އޭގެ ތެރޭގައި ކޯޓުތަކާއި މިނިވަން މުއައްސަސާތައް އަދި ކައުންސިލްތައްވެސް ހިމޭނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތުގެ އެހެނިހެން އިދާރާތައްވެސް މި ޕޯޓަލްގެ ވިއުގައާ ގުޅި ޕޯޓަލް ބޭނުންކުރާ އިދާރާތައް އިތުރުވަމުން ދާނެ ކަމަށްވެސް އިންފޮމޭޝަން ކޮމިޝަނުން ބުނެއެވެ.