ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ބާއްވަ ވަޒީފާގެ މައުޒަރު މިމަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މި އިވެންޓު ކުރިއަށްދާނީ އެދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ އިދާރީ މަރުކަޒުގައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެންމެ ފުރަތަމަ ބާއްވާ ވަޒީފާ މައުރަޒަކީ، ރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ.

އެމްއެންޔޫ ފަހި ފުރުސަތު ނުވަތަ އެމްއެންޔޫ ޖޮބް ފެސްޓިވަލަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ ހުޅުވާލާނެކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫއިން ބުނީ މި މައުރަޒުގެ މަގްސަދަކީ، ރާއްޖޭގައި އެކި ކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުންކަމަށެވެ.

އަދި އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށް ނުދެވިހުރި އެކި ކަހަލަ ފުރުސަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުންކަމަށެވެ. ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުންކަމަށެވެ.

ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމަކީވެސް މި މައުޒަރު ބޭއްވުމުގެ އަމާޒެކެވެ.

މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، https://bit.ly/3lhxDgW މިލިންކް މެދުވެރިކޮށް 23 މޭ 2022 ވާ ހޯމަދުވަހުގެ 23:00 ގެ ކުރިން ފޯމް ހުށައެޅުމަށް އެމްއެންޔޫއިން ވަނީ އެދިފައެވެ.