ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 36 ވަނަ ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.

ހެލްތް މިނިސްޓްރީން ބުނީ މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު ގައުމުތަކުގެ ތެރެއިން އެކި ސަރަހައްދުތައް ތަމްސީލުކުރާ 14 ގައުމެއްގެ މެމްބަރުން ހިމެނޭގޮތަށް ބައިވެރިވެ ވަޑައިގަންނަވާ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިދާރީ އަދި މާލީ ކަންކަމާގުޅޭ މުހިންމު ނިންމުންތަކެއް ނިންމާ އެންމެ މަތީ ފަންތީގެ ބައްދަލުވުމެއްގެ ގޮތުގައެވެ.

ސްވިޒަރލޭންޑްގެ ޖެނީވާގައި ކުރިއަށް ގެންދާ މި ބައްދަލުވުން ކުރިޔަށްދަަނީ 3 ދުވަހުގެ މުއްދަތަށް، މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ބައްދަލުވުމުގައި ސިއްހީ ދާއިރާގެ 2022-2023 ގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ބަޖެޓާއި ބެހޭ މުހިއްމު ނިންމުންތަކެއް ނިންމައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންސާނީ ވަސީލަތްތައް ބޭނުންކުރެވޭ ގޮތާމެދު މަޝްވަރާކުރެވި ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބަޖެޓް އަދި އިވެލުއޭޝަން ރިޕޯޓުތައް ދިރާސާކޮށް، ސިއްހީ ދާއިރާގައި ހާއްސަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި މެދު ގައުމުތަކުގެ މެދުގައި މަޝްވަރާކުރެވި ނިންމުންތައް ނިންމިގެންދާނެ ކަމަށް ހެލްތް މިނިސްޓަރީން ބުނެއެވެ.