މެއިމަހުގެ 9 ވަނަ ދުވަހު ސްރީލަންކާގައި ފެށުނު ތަޅާފޮޅުމާއި ހަމަނުޖެހުންތަކާ ގުޅުންހުރި 883 މީހުން ހައްޔަރު ކޮށްފިއެވެ.

އެދުވަހު ހަމަނުޖެހުންތައް ފެށުނީ، އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީ، އެސްއެލްޕީޕީގެ ސަޕޯޓަރުން، ކޮޅުނބުގެ ގޯސްފޭސްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ މީހުންނަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.

މިކަމުގެ ރައްދުގައި އާންމުންވަނީ ރަށުތެރެއަށް ނުކުމެ، އެސްއެލްޕީޕީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރުންނާއި، އެ ޕާޓީގެ ސަޕޯޓަރުންގެ ގޭގޭގައި ހުޅުޖަހައި، ވެހިކަލްތަކުގައިވެސް ހުޅުޖަހައި އަންދާލާފައެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، ހޯމަދުވަހުގެ ހަމަނުޖެހުންތަކާ ގުޅުންހުރި 883 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށާއި، އިއްޔެ އެކަނިވެސް 216 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ގޯލްފޭސްގައި މުޒާހަރާ ކުރަމުންދިޔަ މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން، ބޮޑުވަޒީރުގެ އޮފީސް، ޓެމްޕަލް ޓްރީ ކައިރީގައި މުޒާހަރާ ކުރަމުންދިޔަ މީހުންނަށްވެސް އެދުވަހު ހަމަލާދީ ބޮޑެތި އަނިޔާތައް ކޮށްފައި ވެއެވެ.

ގޯލްފޭސްއާއި، ޓެމްޕަލް ޓްރީ ކައިރީގައި މުޒާހަރާ ކުރަމުންދިޔަ މީހުންނަށް ހަމަލާދިން މީހުންގެ މައުލޫމާތު ހޯދަން އާންމުންގެ އެހީއަށް އެދި ހުޅުވާލި ހޮޓްލައިނަށް 600 އެލަޓް ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

އެގޮތުން، އާންމުންގެ ފަރާތުން ލިބުނު މައުލޫމާތުގައި ހަމަލާތައް ދިން މީހުންގެ 475 ފޮޓޯއާއި، 70 ވީޑިއޯ ކްލިޕް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އަނެއްކޮޅުން، ހަމަނުޖެހުންތަކުގައި ހުޅުޖަހައި އަންދާލި ޕާލަމެންޓް މެމްބަރުގެ ގެކޮޅުތަކުގެ ބަދަލުގައި، އެބޭފުޅުންނާއި އާއިލާ ދިރިއުޅެން ވަގުތީ ގެކޮޅުތަކެއް ހަމަޖައްސައި ދިނުމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިހާރުވަނީ ނިންމަވާފައެވެ.

ޕާލަމެންޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ރަނިލް ވިދާޅުވީ، ސަރުކާރުން ހަމަޖައްސައިދޭ ގެކޮޅުތަކަކީ ދައުލަތުގެ ގެތަކެއް ކަމަށާއި، އެ ގެތައް ޕާލަމެންޓް މެމްބަރުން ދިރިއުޅެން ދެއްވަނީ ވަގުތީގޮތުން ކަމަށެވެ.