އިންޑިއާ މާކެޓުގައި ރާއްޖޭގެ ބްރޭންޑު ވިޒިބިލިޓީ އިތުރުކުރުމުގެ ގޮތުން ސާޓޭ 2022 ގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.

މި ފެއަރ ކުރިއަށް ދަނީ އިންޑިއާގެ ނިއު ދިއްލީގައި މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ހަރަކާތުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއާއެކު އިންޑަސްޓްރީގެ 33 ފަރާތަކުން ދަނީ ބައިވެރިވަމުންނެވެ. ސާޓޭ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ވިޔަފާރިތަކަށް ހާއްސަކޮށް ދެކުނު އޭޝިއާ ސަރަޙައްދުގައި ބާއްވާ އެންމެ ބޮޑު އެއް އެގްޒިބިޝަނެވެ. ސާޓޭގެ ފުރަތަމަ އެގްޒިބިޝަނުން ފެށިގެން މިހާތަނަށް އައިއިރު ވަނީ މިހަރަކާތް ވަރަށް ބޮޑަށް ފުޅާވެފައެވެ. އެގޮތުން މި އެގްޒިބިޝަންގައި ބައިވެރިވާ އަދި ޒިޔާރަތްކުރާ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިއީ ދެކުނު އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ ދާއިރާގެ މިފަދަ އެންމެ ބޮޑު ނެޓްވޯކިން ހަރަކާތެވެ. މި ހަރަކާތުގައި އެމްއެމްޕީއާރުސީއިން ބައިވެރިވަމުން ދަނީ އިންޑިއާ މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބާނާކޮށްފައިވަނީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، މި މެސެޖު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްދަކުރާ ފަރާތްތައް މެދުވެރިކޮށް ފަތުރާ، ރާއްޖެ އަންނަން ބޭނުން ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މައްޗަށެވެ.

އެގްޒިބިޝަން ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތައް ދެކުނު އޭޝިއާގެ މާކެޓުގައި، އަދި ހާއްސަކޮށް އިންޑިއާ މާކެޓުގައި، ހަރަކާތްތެރިވާ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ ހިއްސާކުރުމުގެ ފުރުސަތު ލިބޭނެއެވެ.