މިމަހުގެ 20 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ދާކަދް" ގެ ވާހަކަ މީޑިއާގައި ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ފިލްމާ ބެހޭގޮތުން އެންމެ ފަހުން ލިބިފައިވާ ޚަބަރަކީ ފިލްމުގެ ފިލްމުގެ މުޅި ޕްރޮޑަކްޝަން ޓީމްގެ އިތުރުން ކާސްޓުންނަށް ލިބުނު ވަރަށް ބޮޑު އުފާވެރި ޚަބަރެކެވެ.
ވަރުގަދަ އެކްޝަން ސީންތަކެއް އެކުލެވޭ ފިލްމު މިވަނީ އިންޑިއާގެ ސެންސަރު ބޯޑުން އޭ ފާހަކާއެކު ފާސްކޮށްފައެވެ. މާނައީ ފިލްމު ރިލީޒްކުރަން އިތުރު އެއްވެސް ހުރަހެއް މިހާރަކު ނެތެވެ.
ދާދިފަހުން ފިލްމުގެ 2 ވަނަ ޓްރެއިލަރ ރިލީޒްކުރުމާއެކުވެސް ބަތަލާ ކަންގަނާ ފިލްމުގައި ފެންނަގޮތް އަންދާޒާކޮށްލެވުނު ފަރާތްތަކުންދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ. ޚާއްސަކޮށް ބަތަލާއަކު އެހާ ވަރުގަދަ އެކްޝަން ސީންތަކެއް ކުޅެފައިވާ ފިލްމަކަށް ފިލްމު "ދާކަދް" ވެފައިވުމުން ގިނަ ބަޔަކު ބުނަމުން އަންނަނީ މިއީ މިހާތަނަށް ހިންދީ ސިނަމާއިން ފެނިގެންދާނެ އެންމެ ވަރުގަދަ އެކްޝަން ފިލްމަށްވުން ގާތްކަމަށެވެ.
ރަޒްނީޝް ގާއީ ޑައިރެކްޓްކޮށްފައިވާ މިފިލްމުން ބަތަލާ ކަންގަނާއާއެކު ދެން ފެނިގެންދާނީ އެކްޓަރު އަރުޖުން ކަޕޫރް އަދި ބަތަލާ ދިވްޔާ ދައްތާއެވެ.
މިފަހަކަށްއައިސް ބަތަލާ ކަންގަނާއަށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެފައިވީނަމަވެސް އޭނާ މިފިލްމުގައި ފެންނަ ކެރެކްޓާއަށް ކޮށްފައިވާ ބުރަ މަސައްކަތް ފެނުމާއެކު ގިނަ ބަޔަކުވަނީ އޭނާއަށް ތައުރީފު ކޮށްފައެވެ. އަދި ކަންގަނާއަކީ އަބަދުވެސް އޭނާ ބުނަ ބަހުގައި ސާބިތުކަންމަތީ ހުންނަ ބަތަލާއެއްކަމަށް ގިނަބަޔަކުވަނީ އެއްބަސްވެފައެވެ.
އިންޑިއާގެ ޤައުމީ އެވޯޑް 4 ފަހަރެއްގެ މަތީން ހާސިލްކޮށްފައިވާ ބަތަލާއަކީ މިހާތަނަށް ވަރަށް ކާމިޔާބު އަދި އެހާމެ ވަރުގަދަ ރޯލްތައް ފިލްމުތަކުގައި ކުޅެފައިވާ ބަތަލާއެކެވެ.
މިފިލްމުގެ އިތުރުން އޭނާގެ ކުރިޔަށްހުރި ފިލްމުތަކުގެތެރޭގައި ރޮނީ ސްކޫރުވާލާގެ ފިލްމު ކުންފުނި އާރް.އެސް.ވީ.ޕީ އިން އުފައްދާ ފިލްމު "ތޭޖަސް" ބަތަލާ އަމިއްލައަށް ޕްރޮޑިއުސްކުރާ ފިލްމު "ޓީކޫ ވެޑްސް ޝޭރޫ" ހިމެނެއެވެ.