މާލެ ސިޓީ ކައުންސިލްގެ އެއްލައްކަ ގަސް ޕްރޮގްރާމުގެ ދަށުން ކަނބާ އައިސާރަނި ހިނގުމުގައި ގަސް އިންދައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކަނބާއައިސާރަނި ހިނގުމުގައި 10 އަނބުގަސް އިންދާފައިވާ ކަމަށެވެ. އަދި ކައުންސިލަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، އައިޖީއެމްއެޗް ހުންނަ މަގުގައި ފުރަތަމަ އަނބުގަސް އިންދައި ދެއްވީ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެހެން ގަސްތައް އިންދެވީ ކައުންސިލަރުންނެވެ.

މި ހަރަކާތާއި ގުޅިގެން މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ މާލެ ފެހިކޮށް ޗާލު މާލެ ސިޓީ އަކަށް ހެދުމަށްޓަކައި ސިޓީ ކައުންސިލުން ކުރަން ރޭވިފައިވާ މަސައްކަތްތަކުގެ ތެރެއިން ފެށިފައިވާ މަސައްކަތެއް ކަމަށެވެ. އަމާޒަކީ މާލޭގެ އެކި މަގުތަކާއި މައިދާން ތަކުގައި ގަސް އިންދުން ކަމަށް މޭޔަރުގެ ޓްވީޓްގައި ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ އެ ޕްރޮގްރާމުގެ ދަށުން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދާން ވަނީ ރާވައިފައެވެ. މިހާރު މާލޭގައި އިންދާފައި ހުރި ގަސްތަކުގެ ތެރެއިން ނުހެދި ނުވަތަ މަރުވެފައި ހުރި ގަސްތައް ނެގުމަށް ފަހު އެ ތަންތަނުގައި ވެސް އާ ގަސްތައް އިންދާނެއެވެ.

މާލޭ ސިޓީ ކައުންސިލުގެ މެމްބަރުން ކަނބާއައިސާރަނި ހިނގުމުގައި އަނބުގަސް އިންދަނީ ކުރިން ބުނެފައިވާ ގޮތުގައި އެކަން ކުރަނީ ވަރަށް ބޮޑު ދިރާސާއަކަށް ފަހު އެވެ. މާލޭގައި މިހާތަނަށް ކާބޯތަކެތިއަޅާ ގަސް ހެއްދުމަށް ސަމާލުކަމެއް ދީފައި ނުވާތީ، އެއީ މާލޭގެ މީހުންނަށް ފައިދާވާނެ ކަމެއް ކަމަށް ކައުންސިލްގެ އިދާރާ އިން ބުނެފައިވެއެވެ.

ކަނބާ އައިސާރަނި ހިނގުމުގައި ގަސް އިންދުމުގެ ޙަރަކާތުގެ ތެރެއިން- ފޮޓޯ:މާލެ ސިޓީ ކައުންސިލް

އެ ޕްރޮގްރާމަށް ބޭނުންވާ ގަސްތައް ގެންނަނީ، ކައުންސިލުން އެ ކަމަށް ހާއްސަ ބަޖެޓެއް ހަދައިގެން، ރަށްރަށުންނާއި ރާއްޖެ އިން ބޭރުން ކަމަށް ކައުންސިލުން ބުނެއެވެ. އެއީ ސްރީ ލަންކާ އާއި އިންޑިއާ އާއި ބަންގްލަދޭޝް އަދި ތައިލޭންޑުން ފަދަ ގައުމުތަކުންނެވެ. އެ ގަސްތައް މާލެ ގެނެސް ބެހެއްޓުމަށް، އަލިމަސް ކާނިވަލުގައި ނާސަރީއެއް ވެސް ހަދާފައިވެއެވެ.

ކޮންކްރީޓް ހާއްޔެއްގެ ގޮތުގައި އޮތް މާލެ ފެހިތަނަކަށް ހަދަން ކުރީގެ ކައުންސިލުތަކުން ވެސް ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގި އެވެ. ނަމަވެސް، ކޮންމެ ފަހަރަކު އެ މަސައްކަތް ފެށުމަށް ފަހު، ވަކި ހިސާބަކުން ވަނީ އަޅާނުލައި ދޫކޮށްލައިފައެވެ.