އަމިއްލަ ގޭގޭގެ ފާރުތަކުގައްޔާއި ދޮރުތަކުގައި "އިންޑިއާ އައުޓް" ޖަހަނީ ކޮން ބައެއްކަން ނޭނގޭ ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު "ވީނިއުސް" އަށް ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތުގައި ޕީޕީއެމް-ޕީއެންސީން އިސްކޮށް ހަރަކާތްތެރިވި ނަމަވެސް، ހުއްދަ ނުނަގައި އެއްވެސް ތަނެއްގައި ""އިންޑިއާ އައުޓް" ނުޖަހާނެ ކަމަށެވެ.
ކޮންމެ ވެސް ބަޔަކު ގޭގޭގެ ވެރިފަރާތުގެ ހުއްދަނެތި އެ ކަން ކުރާކަން ފާހަގަވެފައިވާކަން ވެސް ފާހަގަކޮށް ހީނާ ވިދާޅުވީ، އެއީ ޕީޕީއެމް-ޕީއެންސީއަށް އެނގިގެން ހިނގާ ކަމެއް ނޫން ކަމަށެވެ.
ހީނާ މިހެން ވިދާޅުވިއިރު، މި ފަހުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ގެކޮޅުގައި ވެސް ބަޔަކު ވަނީ "އިންޑިއާ އައުޓް" ޖަހައިފައެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށްގެންދާ ކެމްޕޭންގެ ސްލޯގަން މިނިސްޓަރު މާރިޔާގެ ގެކޮޅުގެ ދޮރެއްގައި އޮރެންޖު ކުލައިން ސްޕްރޭ ކޮށްފައި ވަނީ ކޮން ބައެއްކަން އަދި ނޭނގެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ކެމްޕެއިނަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ރައީސް ޞާލިޙް ނެރުއްވި ރިޔާސީ ޤަރާރަކުން ވަނީ ނިންމާފައެވެ. އެގަރާރަށްފަހު މާލޭގައި ވެސް އަދި ރާއްޖޭގެ އެހެން ރަށެއްގައި ވެސް އިންޑިއާ އާއި ދެކޮޅު ބެނާއެއް ދަމައިފިނަމަ ފުލުހުން ގޮސް ބެނާތައް ނަގައެވެ.
ނަމަވެސް "އިންޑިއާ އައުޓް" ހަރަކާތްތައް އަންނަނީ މިހާރު ވެސް ސިއްރުން ހިންގަމުންނެވެ. އެގޮތުން އިންޑިއާ ސަފީރު މުނު މަހާވަރު ދިރިއުޅުއްވާ ހުޅުމާލޭ ފްލެޓްގެ ކުރިމައްޗަށް ދާދިފަހުން ވަނީ "އިންޑިއާ އައުޓް" ކަރުދާސްތަކެއް އަޅާފައެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ގެކޮޅުގެ ކުރިމައްޗަށްވެސް "އިންޑިއާ އައުޓް" ކަރުދާސްތައް ވަނީ އަޅާފައެވެ.
އަދި މާލޭގެ އެކި އިމާރާތްތަކުގައި ކޮންމެ ރެއަކު ވެސް "އިންޑިއާ އައުޓް" ސްޕްރޭ ކުރަމުން އެބަގެންދެއެވެ.
ދާދި ފަހުން އޭޑީކޭގެ ހޮސްޕިޓަލްގެ ފާރެއްގައި ވެސް "އިންޑިއާ އައުޓް" ޖަހާފައި ވެއެވެ.