ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" އިހުތިޖާޖުން ބުދަ ދުވަހުގެ ރޭ ފުލުހުން ހައްޔަރު ކުރި މީހުން ދިވެހި ފުލުހުންގެ ޚިދުމަތުން ދޫކޮށްލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލަކު "ވީނިއުސް" އަށް ވިދާޅުވީ ރޭގެ ހަރަކާތުން ހައްޔަރުކުރީ ތިން މީހުން ކަމަށެވެ. އަދި އެމީހުން ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވެސް "ވީނިއުސް" އަށް ވިދާޅުވީ ބުދަ ދުވަހުގެ ރޭގެ އިހުތިޖާޖުގެ ތެރެއިން ތިން މީހަކު ހައްޔަރުކުރި ކަމަށާއި ދަންވަރުގެ ވަގުތެއްގައި އެ މީހުން ދޫކޮށްލާފައި ވާ ކަަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތް ރާވައި އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ބުދަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް ވެސް ހައްޔަރުކޮށްފައި ވެއެވެ.

ރޭ ޕީޕީއެމް-ޕީއެންސީގެ މެމްބަރުންތަކެއް ވަނީ މުހައްމަދު އިސްމާއީލް އާއި އަލީ ނަސީމް ދޫކޮށްލުމަށް ގޮވާލައި އެޕާޓީގެ އޮފީސް ކައިރިއަށް އިންޑިއާ އައުޓް ބެނޭތައް ހިފައިގެން އެއްވެފައެވެ.

އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.