ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ގައުމުން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ރޭ ބޭއްވި އެއްވުމެއް ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް ފުލުހަކު އިންޒާރުދީފައިވާ ކަމަށް ބުނެ ނޫސްވެރިންތަކެއް ޝަކުވާކޮށްފައިވާތީ އެކަން ބަލައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިއްޖެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ މިއަދި ވީނިއުސް އަށް ވިދާޅުވީ، މިކަން ހިނގާފައިވޭތޯ ބަލައިދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށެވެ.

މިކަން ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާތީ، މި މައްސަލަ ބައްލަވައިދެއްވައި، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ކައުންސިލާ ހިއްސާކޮށްދެއްވުން އެދި ކައުންސިލުން މިހާރުވާނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ސިޓީ ފޮނުވާފައި.
ޝަހުބާން ފަހުމީ/ މީޑިއާ ކައުންސިލްގެ ރައީސް

ޝަހުބާން ވިދާޅުވީ މި ފަދަ ކަންކަމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމަށް ވީ ހިނދު މި ފަދަ ކަންކަން ނުކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.

ނޫސްވެރިކަމުގެ އިންޑެކްސްގައި މި ފަހުން ރާއްޖެ 15 ދަރަޖަ ދަށަށް ވެއްޓުނީ ވެސް މި ފަދަ ކަންކަން ތަކުރާރުވަމުން އަންނާތީ ކަމަށް ޝަހުބާން ވިދާޅުވިއެވެ.

އޭނާ ވަނީ ނޫސްވެރިކަން ކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ނޫސްވެރިންނަށް މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލާފައެވެ.

މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ރާއްޖޭގައި ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް މީގެ ކުރިން ވަނީ ގޮވާލައިފައެވެ.

އެ އެސޯސިއޭޝަނުން ބުނީ މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސްނޭޅުމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި މި އަމަލުތައް ފުލުހުން ތަކުރާކުރަމުން އަންނާތީ ކަންބޮޑުވުން ފާޅުކުރިއެވެ.

އެމްޖޭއޭ އިން ބުނީ ނޫސްވެރިންނަށް ހުރަސް އެޅުމުގެ ސަގާފަތެއް ފުލުހުންގެ މެދުގައި އޮންނަ ކަމަށެވެ.