"ހައި އެންޑް އެޑްވެންޗާސް - ދަ މޯލްޑިވްސް އެވެއިޓްސް ޔޫއެސްއޭ 2022" ގެ ނަމުގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން އެމެރިކާ މާކެޓަށް އަމާޒުކޮށްގެން ވެބިނާއެއް ބާއްވައިފިއެވެ.

މި ވެބިނާ ބާއްވާފައިވަނީ މޭ މަހުގެ 17 ވަނަ ދުވަހުއެވެ. މި ވެބިނާގެ މައިގަނޑު މަގްސަދަކީ އެމެރިކާގެ ޓްރެވެލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ތަމްރީންކޮށް ދިވެހިރާއްޖޭގެ ހައި-އެންޑް ތަޖުރިބާތައް އިސްތިހާރުކުރުންކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

މި ވެބިނާ އަކީ މި އަހަރު އެމެރިކާ މާކެޓަށް އަމާޒުކޮށް ބޭއްވި އެންމެ ފުރަތަމަ ވެބިނާއެވެ. އެމްއެމްޕީއާރުސީގެ އިތުރުން، އެއް ގަޑިއިރުގެ މި ވެބިނާގައި ޔޮޓް މޯލްޑިވްސް, މޫވެންޕިކް ރިޒޯޓް ކުރެދިވަރު މޯލްޑިވްސް އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ބައިވެރިވިއެވެ. މި ވެބިނާ ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ތޮއްޔިބުގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެ އާއި އެމެރިކާ މާކެޓާ ދެމެދު އޮންނަ ދުވަސްވީ ގުޅުމުގެ މުހިންމުކަމާއި، ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއިން ހާސިލުކޮށްފައިވާ އެވޯޑްތަކާއި ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރުފުރޭ އުފާވެރި ރަން ޔޫބީލް ފާހަގަކުރުމުގައި ފަތުރުވެރިން ބައިވެރިވުމަށް ރާއްޖެއަށް ދަތުރުކުރުމަށް ދަޢުވަތު ދެއްވިއެވެ.

މި ވެބިނާގައި ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދިވެހިރާއްޖޭގަ އަޅާފައިވާ އެންމެ ފަހުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހިއްސާކުރިއެވެ. އަދި ރާއްޖެއާ ބެހޭ މައުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓް ކަމުގައިވާ ރިސޯޓް، ގެސްޓްހައުސް، ލިވަބޯޑް އަދި ހޮޓެލްސްއާ ބެހޭ މަޢުލޫމާތުގެ އިތުރުން ރާއްޖޭގައި ފަތުރުވެރިންނަށް ކުރެވެން ހުންނަ ތަޖުރިބާތައް ހިމެނޭ ޑެސްޓިނޭޝަން ޕްރެސެންޓޭޝަން އެއް މިވެބިނަރގައި ވަނީ ދައްކާފައެވެ.

މި ވެބިނަރގައި ޕްރޮމޯޓްކުރި ތަޖުރިބާތަކުގެ ތެރޭގައި ބަބުލް ޓެންޓް، ޕްރައިވެޓް ވޯޓާ ވިލާ އަދި ސީޕްލޭންއެއްގައި ދަތުރުކުރުން ފަދަ ތަޖުރިބާތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ރަށްތައް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިއޮތުމުގެސަބަބުން ރާއްޖެ އަކީ ހުރިހާ ގޮތަކުން ވެސް އެމެރިކާގެ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރިއެވެ.

މި ސެޝަންގައި އިންޑަސްޓްރީ ޕާޓްނަރުން ވަނީ ބައިވެރިވި ޓްރެވަލް ޓްރޭޑްގެ ފަރާތްތަކާ ބައްދަލުކޮށް ކޮންމެ ތަނަކުން ދޭ ހިދުމަތްތަކާ ބެހޭ މަޢުލޫމާތު ދީފައެވެ. މިވެބިނާއަކީ ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންނަށް ބޮޑު އޯޑިއެންސްއަކަށް އެ ފަރާތްތަކުގެ ޕްރޮޕަޓީތައް އިޝްތިހާރުކޮށް، އެމެރިކާ މާކެޓްގެ ފަތުރުވެރިކަމުގެ ދާއިރާގާ ހަރަކާތްތެރިވާ ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

100 އަށް ވުރެއިން ގިނަ އެމެރިކާ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުން ރަޖިސްޓާކޮށްފައިވާ މި ވެބިނާގައި ދިވެހިރާއްޖެއާ ބެހޭ ސުވާލާއި ޖަވާބު ސެޝަނެއްވެސް ކުރިއަށްދިޔައެވެ. އަދި ވެބިނާ ނިންމާލުމުގެ ކުރިން ރާއްޖެ އަށް 5 ދުވަހުގެ ހިލޭ ޗުއްޓީއެއް، ވެބިނަރގެ އެއް ބައިވެރިޔަކަށް ހަދިޔާކުރުމުގެ ގޮތުން ރެފްލްއެއް ކުރިއަށްގެންދިޔައެވެ. މި ރެފްލް ސްޕޮންސާކޮށްފައިވަނީ ސާއި ލެގޫންއިންނެވެ.

އެމެރިކާ މާކެޓަކީ މިދިޔައަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ކާމިޔާބު އެއް މާކެޓެވެ.